ކުޅުދުއްފުށީ ސިޓީގެ ކޭސްތަކާއި ގުޅިގެން އެޗްޕީއޭއިން ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފި

ކުޅުދުއްފުށީ ސިޓީގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޭސްތަކާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ، ކުޅުދުއްފުށިސިޓީ ގައި ކޯވިޑް-19 ފެތުރޭތީ އެޗް.އޯ.އީ.ސީގެ ޚާއްސަ ޓީމަކުން އެކަމާބެހޭ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނިންމެވުމާ ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވާފައިވާކަމަށެވެ. އަދި މިކަމަށް ޚާއްސަ ޓީމެއް އެކުލަވާލާ މިއަދު މިޓީމުގެ ބައްދަލުވުން ކުރިޔަށް ގޮސްފައިވާކަމަށްވެސް ބުންޏެވެ.

މީގެއިތުރުން ކުޅުދުއްފުށީ ސިޓީއަށް އެޗް.އޯ.އީ.ސީގެ ޓެކްނިކަލް ބޭފުޅުން ހިމެނޭގޮތަށް ޓީމެއް ފޮނުއްވުމަށް ނިންމާފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ޚާއްސަ ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާއިރު ކުޅުދުއްފުށި ސިޓީގައި މުހިއްމު ކަންތައްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ރޭއްވެވުމަށް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވެއެވެ.

"ކުޅުދުއްފުށިސިޓީއަކީ ހަތްދިހަ ހާސް މީހުންގެ އާބާދީއަކަށް ކޭޓަރ ކުރާ އެ ސަރަހައްދުގެ އިޤްތިޞާދީ ހަބްކަމަށް ވާއިރު ކަންކަން އެކަށައެޅުއްވުމުގައި އިޤްތިޞާދީ ގޮތުން އަދި އިޖްތިމާއީގޮތުންވެސް މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރައްވާ، މިކަންކަން ކުރައްވާ އިރު ހަނދާނުގައި ބަހައްޓަވާތި ދިވެހި ދައުލަތަށް އެންމެ މުހިއްމީ ކޮންމެ ރައްޔިތެއްގެ ސިއްޙަތުކަން" މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އަދި މިހާރުގެ ޙާލަތަށް ބަލާ އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށް އިދާރާތަކުން ވަނީ ވިދާޅުވެފައި، އަދި އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައިނުގަތުމަށާއި މިކަމުގައި ސިއްހީ މާހިރުންނާއި ހުރިހާ އިދާރާތަކެއް ގުޅިގެން އަޅަންވާ ފިޔަވަޅުތައް ދުރާލާ އެޅި އިތުރަށް ފެތުރުނުނަ ނުދިނުމަށް މިހާރުވެސް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާނެ ކަމުގެ ޔަޤީންކަން ބައްދަލުވުމުގައި ބައިވެރިވި މުއައްސަ ކުންނާއި އިދާރާތަކުންދީފައިވަކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިއަދު ގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށިސިޓީ ތަމްސީލްކުރައްވާ ދެ މެމްބަރުންނާއި ސިޓީ ކައުންސިލްގެ ރައީސާއި ހޮސްޕިޓަލުންވެސް ވަނީ ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ