ހއ. ބާރަށް

ޤަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑައިގެން ހއ. ބާރަށު ކައުންސިލްގެ އިދާރާ ޖޫރިމާނާކޮށްފި

ޤަވާއިދާއި ޚިލާފަށް ރުއްގަސް ކަނޑައިގެން ތިލަދުންމަތީ އުތުރު ބުރީ ބާރަށު ކައުންސިލްގެ އިދާރާ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެފައި ވަނީ ހއ. ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން
ސަރަހައްދުތަކުން، ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑައި އުފުރައި އަދި އެ ރަށުން ރުއްގަސް ބޭރުކޮށްފައިވާކަމަށެވެ.

އީޕީއޭ އިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ
ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު9-R/2011) ގެ ޖަދުވަލު 5 (ގަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން: ނަގަންޖެހޭ ހުއްދަތައް ނެތުން) ރިޢާޔަތްކޮށް އެ ރަށު ކައުންސިލް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ބާރަށު ކައުންސިލްގެ އިދާރާ ވަނީ 21 އޮކްޓޫބަރު 2020 ގައި ޖުމްލަ 191,250 (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ދިވެހިރުފިޔާއިން ޖޫރިމާނާ ކޮށްފައެވެ. އަދި މިޖޫރިމަނާ ފައިސާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށްވެސް އެކައުންސިލަށް ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން ބާރަށު ކައުންސިލްގެ ބަހެއް ހޯދުމަށް މި ނޫހުން މަސައްކަތް ކުރިނަމަވެސް، ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން އެ ރަށު ކައުންސިލްގެ ބަހެއް ނުލިބުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ