ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންނާއި ގުޅިގެން ނެގި 120 ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީ އިން ވިދާޅުވީ މިމަހުގެ 18ގެ ފަހުން ކުޅުދުއްފުށިން ކޮވިޑް-19ގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާކަމަށާއި، އެރަށުގައި ބަލި ފެތުރޭތޯ ބެލުމަށް ސާމްޕަލް ނެގި 120 މީހުންގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
މި ކްލަސްޓާގައި ހދ. ކުޅުދުއްފުށިން މިހާތަނަށް 11 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި އެއަތޮޅު ދިއްދޫން 3 މީހުން، ށ.ފޯކައިދޫންވެސް އެކަކުވަނީ ޕޮޒިޓިވްވެފައެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ އެޓޯލް ޕްރިޕެއަރޑްނަސް ޓީމްގެ ފަރާތުން އަބްދުލް މައުރޫފް ވިދާޅުވީ، މި ރަށްތަކުގެ ތެރެއިން ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ މިމަހުގެ 4ވަނަ ދުވަހުކަމަށާއި، އެމީހުންނާއި ކޮންޓެކްޓްވި 78 މީހަކު ދެނެގަނެވި އެމީހުންގެ ސާމްޕަލްނަގައި ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.
ކުޅުދުއްފުށީގެ ޕޮޒިޓިވްކޭސްތަކާއި ގުޅިގެން އެރަށުގައި އިތުރަށް ބަލި ފެތުރޭތޯ ދެނެގަތުމަށް މުޖުތަމަޢުގައި އެކި ޚިދުމަތްތައް ފޯރުކޮށްދޭ މީހުން ހިމެނޭހެން ޖުމަލް 120 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އެއިން އެވެސް މީހަކު ޕޮޒިޓިވް ނުވާކަމަށް އަބްދުލް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އެ ރަށުގެ ޓާސްކް ފޯހާއި އެޗްއީއޯސީ ގުޅިގެން ދަނީ ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާއިރު ބަލީގެ އަލާމާތެއް ކިރިޔާ ވެސް ފެނިއްޖެނަމަ އެރަށުގައި ހުރި ފްލޫ ކްލިނިކަށް ދެއްކުމަށް ވަނީ އެދިފަ އެވެ.
މިމަހުގެ 18 ވަނަ ދުވަހު އެޗްއީއޯސީން ވަނީ ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް އޮތް ކަމަށް ކަނޑައަޅާފަ އެވެ.