ކޮވިޑާއެކު ގިނަ ކުޅުންތެރިންނަށް ނުކުޅެވުނު ޝަކްތަރުން ވަރުގަދަ ރެއަލްމެޑްރިޑް ބަލިކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔޫކްރެއިންގެ ޗެމްޕިއަން ޝަކްތަރު ޑޮނެސްކް އަތުން ވަރުގަދަ ރެއަލްމެޑްރިޑް ބަލިވެއްޖެއެވެ.

ސްޕެއިންގައި ކުޅުނު މިމެޗުގެ ގިނަ ބަޔަކު ޙައިރާންކޮށްލުމަށްފަހު ޝަކްތަރުން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ. ކްލަބުގެ 19 ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޝަކްތަރުން ސްޕެއިނަށް ދަތުރުކޮށްފައިވަނީ ފުރަތަމަ ޓީމުގެ 13 ކުޅުންތެރިން ބާކީ ކުރުމަށްފަހުގައެވެ.

ރޭގެ މެޗަށް ޝަކްތަރުން ސްޕެއިނަށްއައި ޓީމުގައި 23 އަހަރުން ދަށުގެ 8 ކުޅުންތެރިން ހިމެނެއެވެ.

އެހެންކަމުން ރެއަލްމެޑްރިޑާއި ދެކޮޅަށް ނުކުތް ޒުވާން ޝަކްތަރު ޓީމުން ވަރަށް ހިތްވަރާއެކު ކުޅެން ނުކުތް މިމެޗުގެ ފުރަތަމަ ހާފުވެސް ނިންމާލާފައިވަނީ 0-3 ގެ ނަތީޖާއަކުން ކުރީގައި އޮވެއެވެ. ޝަކްތަރުގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނަޓްގައި ޓެޓޭ ކާމިޔާބުކޮށްދިންއިރު، ލީޑު އިތުރަށް ފުޅާވެގެން ދިޔައީ އޭގެ ހަތަރު މިނަޓްފަހުން ކީޕަރު ކޯޓުއާ ދިފާޢުކުރި ބޯޅައެއް ރެއަލްމެޑްރިޑްގެ ޑިފެންޑަރު ވެރޭންއަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ފަހުކޮޅު ސޮލޮމޮންވަނީ އިތުރު ލަނޑެއް ޖަހައި ޝަކްތަރުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

މިއީ ޗެމްޕިއަންސް ލީގުގައި މިދިޔަ 16 އަހަރު ތެރޭގައި ފުރަތަމަ ހާފް ތެރޭގައި ރެއާލް ކޮޅަށް ތިން ގޯލު ވަން ފުރަތަަމަ ފަހަރެވެ.

ނަމަވެސް ދެވަނަ ހާފުގައި ރެއަލްމެޑްރިޑުން ފުލުފުލުގައި ޖެހި ދެ ލަނޑާއެކު ފަރަގު ކުޑަކުރިނަމަވެސް އޭގެއިތުރުން ލަނޑެއް ނުޖެހި މެޗު ނިންމާލަން ޖެހުނީ މިސީޒަންގެ ޗެމްޕިއަންސް ލީގު ފުރަތަމަ މެޗުން ބަލިވެގެންނެވެ. ރެއަލްމެޑްރިޑްގެ ލަނޑުތައް ޖަހާފައިވަނީ ލޫކާ މޮޑްރިޗާއި ވިނިޝިއަސް ޖޫނިއާއެވެ.

ރޭގެ މެޗަށް ރެއަލްމެޑްރިޑް ނުކުތްއިރު ސްޕެނިޝް ލަލީގާގައި އެންމެ ފަހުން ކުޅުނު މެޗުންވެސް ރެއަލްމެޑްރިޑްވަނީ ބަލިވެފައެވެ. އަލަށް ޕްރޮމޯޓްވި ކެޑިޒްއާއި ދެކޮޅަކުޅުނު އެމެޗުން ރެއަލްމެޑްރިޑް ބަލިވީ 0-1 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން ބުނީ، މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާކަމަށެވެ. އަދި މިކަން ތަކުރާރުވިޔަ ދީގެން ނުވާނެކަމަށާއި، ހައްލު ހޯދުމަކީ އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއްކަމަށްވެސް ޒިދާން ބުންޏެވެ.

މިގްރޫޕްގައި ރޭ އިންޓަރމިލާން އަދި މޮންޗެންގްލެޑްބާޗް ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ފޯރުގަދަ ކުޅުމެއް ފެނިގެންދިޔަ އެމެޗުގައި ލުކާކޫ އިންޓަރއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ މެޗުގެ ފަހު މިނަޓްގައެވެ. ރޭގެ މެޗުގައި އިންޓަރއިން ޖެހި ދެލަނޑަކީވެސް ލުކާކޫ ކާމިޔާބުކޮށްދިން ދެލަނޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ