ލޯބީގެ ބަދަލު (08)

(ހަތް ވަނަ އަދަދާއި ގުޅޭ)

އޭނާ ނަޝާދެކެ ލޯބިވީ ނަޝާ އެ ޙާލަތުގައި ހުއްޓައެއް ނޫނެވެ. އެއަށްވުރެ މާ ކުރިންނެވެ. އެކަމަކު ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މަންމައާ ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހާފައި އަމިއްލަ ހިތުގެ ގޮވުމަށް އިޖާބަދޭންވީހެއްޔެވެ؟ އަދި ރަނާ ކެތްތެރިކަމާއެކު ކުރި އިންތިޒާރު އެއީ އެއްޗެއްކަމަށް ނުބަލާ އެ ހިތް ހަލާކުކޮށްލަންވީހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ފިރިމަރުވެ ދަރިއަކު ލިބިފައި ހުރި އަންހެންކުއްޖަކާ އޭނާ އިންނާކަށް މަންމައާއި ބައްޕަ ޤަބޫލެއް ނުވާނެއެވެ. ދެ އަނބިން ގެންގުޅޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ނަޝާ އަމިއްލަ މީހަކަށް ހެދޭނެ ފުރުސަތުއޮއްވާ އެހެން މީހަކާއެކު އޭނާއަކަށް ނޫޅެވޭނެއެވެ.

އާރިމް ގެއިން ނުކުތީ ދެވަނަ ފަހަރަށް ރަނާ ގުޅީމައެވެ. ކިތަންމެ ދާހިތްނުވި ނަމަވެސް އޭނާއަކީ ވަޢުދެއް ވެއްޖެއްޔާ ފުއްދާ މީހެކެވެ. އެހެންކަމުން ހިތާ ދެކޮޅަށް ގެއިން ނުކުތީ މަޖުބޫރުވެގެންނެވެ. އާރިމް ރަނާ އުޅޭ ގެ ކައިރިއަށް ސައިކަލު ކައިރިކޮށްލިއިރު ރަނާ ހުރީ ގޭ ދޮރުމަތީގައެވެ. ތަނބިކައްޓާއި ހަމައަށް ހުރި ކަޅު ކުލައިގެ ހެދުމެއް ލައިގެން ހުރިއިރު އެ ހެދުން ހުރީ ރަނާގެ ރީތި ބައްޓަމަށް ހެޔޮވަރަށެވެ. ރަނާއާ ވަރަށް ގުޅެއެވެ. އުނަގަނޑާ ހަމައިން ކަޅުކުލައިގެ ހިމަ ބެލްޓެއް އަޅާފައި ހުރިއިރު ތިރީބައި ހުރީ ކުދި ރޫތަކެއް ނަގާފައެވެ. ފަސްބައި ފުޅަލެއް ނޫނެވެ. ހެދުމުގެ މޭމަތި ހުރީ ބޯ ރޭނދާ ފޮއްޗަކުން ޑިޒައިންކޮށްފައެވެ. ދެއަތް ހުރީ އަތުގެ ކުޑަ ހުޅާ ހަމައަށް ދިގުކޮށެވެ. ރަނާގެ ބުޅި އިސްތަށިގަނޑު އޮތީ ބޮލުގެ މެދަށް ހުޅިއެއް ޖަހާ ހައްޔަރުކޮށްލާފައެވެ. ލޮލުގެ ތިރީ ކައިރީގައި ހިމަކޮށް ކަޅުކުލައިގެ އަނދުނުން ފަވާލާފައި ހުރުމުން އޭނާގެ ހުދުކަން ގަދަ ދެލޯ އިތުރަށް ފާޅުވާހެން ހީވެއެވެ. އެ އަނދިރި ހަންގަނޑާ ގުޅޭ ލުއި މޭކަޕެއް ކޮށްފައި ހުރިއިރުވެސް ރަނާގެ ރީތިކަން ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަވާހާވެއެވެ.

ރެސްޓޯރެންޓަށް ދިޔަ މަގުމަތީގައި ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އާރިމް ބޭނުންވަނީ ރަނާއަށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދޭށެވެ. އެހެންކަމުން އޭނާ ދިޔައީ އެވާހަކަ ފަށާނެ ގޮތަކާމެދު ވިސްނަމުންނެވެ. ރަނާ އިނީ އާރިމްއާއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބުނީތީ އުފަލުން ފޮޅިފައެވެ.

އާރިމް ރަނާ ގޮވައިގެން ދިޔައީ މީހުން އެހާ ގިނައިން ގޮސް ނޫޅޭ ރެސްޓޯރެންޓަކަށެވެ. އެމީހުން ދިޔައިރު އެތަނުގައި ތިބީ އެންމެ ހަތަރު މީހުންނެވެ. އާރިމް ވަދެފައި ރަނގަޅަށް ބަލާލުމަށްފަހު އެތެރޭގައި ތަންކޮޅެއް އެކަހެރިކޮށް ހުރި މޭޒަކާ ދިމާއަށް ހިނގައިގަތެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު އާރިމް ވަރަށް ރަނގަޅަށް ރަނާއާ ދިމާއަށް ބަލާލިއެވެ. އޭރު ރަނާ އިނީ ފޯނުން ކޮންމެވެސް އެއްޗެއް ބަލާށެވެ. ރަނާ އެހާ ރީތިވެގެން އެއިނީ އޭނާއަށްޓަކައިކަން އެނގެއެވެ. އެކަމާ އޭނާ ދެރަވެސްވިޔެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އޭނާގެ ހިތުގައި އެހެން މީހަކަށް ދޭނެ ޖާގައެއް މިހާރު  ނެތެވެ.

ވެއިޓަރު އައިސް އޯޑަރު ނަގައިގެން ދިއުމުން އާރިމް އުޅުނީ ދައްކަން އައި ވާހަކަ ފަށާށެވެ. ނަމަވެސް އޭގެ ކުރިން ރަނާ ފޯނުގެ ސްކްރީން އާރިމްއާ ދިމާއަށް އަނބުރާލާފައި ފޯނުން އެއްޗެއް ދައްކާލިއެވެ. އެއީ ކައިވެނީގެ ހެދުމެއްގެ ނަމޫނާއެކެވެ.

"ރީތިތަ؟" ހިނިތުންވެލައިގެން އިނދެ ރަނާ އަހާލިއެވެ. އޭނާގެ ދެލޮލުގައި އާރިމްއަށްޓަކައި ލޯބި ނޫން އެއްޗެއް ނުވެއެވެ. ކައިވެންޏަށްޓަކައި އޭނާ އެދަނީ އެތައް ހުވަފެންތަކެއް ދެކެމުންނެވެ.

"ހޫމް." ދޭނެ ޖަވާބެއް ނޭނގޭތީ އާރިމްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އޭނާ އެއައީ އެހެން ކަމަކަށް ސިކުނޑި ތައްޔާރުކޮށްގެންނެވެ.

"އަސްލު ހަޑީތަ؟ އާރިމްއަށް ހަޑީއްޔާ އަހަރެން އަނެއްކާ އެހެން ހެދުމެއް ބަލާނީ." ކުޑަކޮށް ދެރަވެލާފައި ރަނާ ބުންޏެވެ.

"ނޫން. ތި ހެދުން ހަޑިއެއް ނޫން. ވަރަށް ރީތި." ރަނާ ދެރަވިކަން އެނގުމުން އާރިމް އަވަސްއަވަހަށް ބުނެލިއެވެ.

"ނެކްސްޓް ވީކްގަ މިއުޅެނީ ވެޑިންގ ޝޮޕިންގއަށް ލަންކާއަށް ދާން. އާރިމް ބޭނުން އެއްވެސް އެއްޗެއް އެބައޮތްތަ؟" ޖޯޝާއި ފޯރި އެކުލެވިގެންވާ ރާގެއްގައި ރަނާ ބުންޏެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެ ކައިވެންޏަށްޓަކައި އޭނާ ހާދަ ދުވަހަކު އިންތިޒާރުކޮށްފިއެވެ.

"ވަކި އެއްޗެއް ނެތް." މަޑުމަޑުން އާރިމް ބުންޏެވެ. ދައްކަން އުޅޭ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން އާރިމް އިނީ ހާސްވެފައެވެ.

ދެންވެސް ގިނަ ވާހަކަ ދެއްކީ ރަނާއެވެ. ކައިވެނީގެ ޙަފްލާ ބާއްވާ ތަން ޒީނަތްތެރިކުރަން އޭނާ ބޭނުންވާ ގޮތާއި، ބެކް ޑްރޮޕް ހަދާނެ ގޮތުގެ އިތުރުން ޢާއިލާ މީހުންނާއި ގާތް ރައްޓެހިން ހެދުން ލާނެ ކުލަތަކެވެ. އަދި ކެމުގެ ކަންތައް ބެލެހެއްޓުމަށް ބަޔަކާ ހަވާލުކުރާއިރު ބަލަންޖެހޭނެ ކަންތައްތަކެވެ. އެ ކޮންމެ ކަމަކާ ގުޅިގެން އާރިމްއަށް ފެންނަނީ ކިހިނެއްތޯވެސް ރަނާ އަހާލައެވެ. ނަމަވެސް އާރިމް އިނީ އޭގެން އެއްވެސް ކަމަކާ ގަޔާ ނުވެފައެވެ. އެކަންކަމާމެދު ވިސްނާލިޔަސް އޭނާއަށް ހީވަނީ ނޭވާ ހާސްވާހެންނެވެ. އެހެންކަމުން އާރިމްގެ ޖަވާބަކަށްވީ ރަނާއަށް ފެންނަ ގޮތެއް ހެދުމެވެ.

ކާއެއްޗެހި ގެނައުމުން ދެމީހުންވެސް ކެއުމައިގެން މަސްއޫލުވިއެވެ. ކާން އިންނަމަވެސް އާރިމްއަށް ވިސްނެމުން ދިޔައީ ރަނާއަށް ޙަޤީގަތް ހާމަކުރާނެ ގޮތަކާއި މެދުގައެވެ. ދެންމެ ރަނާ ހުރިހާ ވާހަކައެއް އެހާ އުއްމީދާއިއެކު ދެއްކުމުންވެސް އެ އުއްމީދުތަކުގައި ކޮޅު ފައިން ޖަހަންވީހެއްޔެވެ؟ ރަނާގެ އެއްވެސް ކުށެއް ނެތްއިރު އެ އަންހެންކުއްޖާއަށް އެހާ ބޮޑު އަނިޔާއެއް ޙައްޤުހެއްޔެވެ؟ އެކަމަކު އާރިމްއަށް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ ކައިވެނި ކުރި ނަމަވެސް އާރިމްއަށް ރަނާދެކެ ލޯތްބެއް ނުވެވޭނެއެވެ.

އެކި ގޮތްގޮތަށް ވިސްނައިގެންވެސް އެރޭ ރަނާ ކައިރީގައި އެވާހަކަ ދައްކާނެ ހިއްވަރެއް އާރިމްއަކަށް ނުލިބުނެވެ. އެހެންކަމުން ފަހުން އެހެން ވަގުތެއްގައި އެވާހަކަ ދެއްކުމަށް ނިންމާފައި އެރޭ ކައިނިމިގެން ދެން ރަނާ ގޮވައިގެން ދިޔައީ އާރިމްގެ ގެއަށެވެ. މަންމަ ރަނާ ގެނަސްދޭން ކިޔާތާ ކިތަންމެ ދުވަހެއްވެއްޖެއެވެ. އެހެންކަމުން އިތުރު ދުވަހެއްގައި އަނެއްކާ ބައްދަލުކުރަންޖެހޭނެތީ އެރެއިން އެރެއަށް އެކަން ނިންމާލަން އާރިމް ބޭނުންވީއެވެ. ގެއަށް ދިއުމުން އާރިފާ ވަރަށް އުފަލުން ރަނާ ގައިގައި ފިރުމަފިރުމާފައި އުޅުނެވެ. އަދި ރަނާ ގެއަށް ނާންނާތީ ޝަކުވާވެސް ކުރިއެވެ. މަންމަގެ ހިނިތުންވެފައިވާ މޫނު ފެނުމުން އާރިމްއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ.

ޖެހިގެން އައި ދުވަސްވީ އާރިމްއަށް ވަރަށް ބުރަ ދުވަހަކަށެވެ. ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ފިހާރައިގެ ކަންތައްތައް ކުރިއަށްދާގޮތެއް ބަލާލުމަށްޓަކައި ބައްޕަ ހުޅުމާލެއަށް ދިއުމުން އޮފީހުގެ ހުރިހާ ކަމަކާ ހަވާލުވާންޖެހުނީ އާރިމްއަށެވެ. އެހެންކަމުން އިތުރު ކަމަކާމެދު ވިސްނާނެ ވަގުތެއް އޭނާއަކަށް ނުވިއެވެ. އޮފީސް ނިންމާފައި އާރިމްއަށް ގެއަށް ދެވުނީ ހަވީރު ފަހެއް ޖެހި ފަހުންނެވެ. ގެއަށް އައިސް ފެންވަރާލުމަށްފަހު އަރާމުކޮށްލުމަށްޓަކައި އޭނާ އެނދުގައި އޮށޯވެލިއެވެ. ފޯނު ނަގާ ބަލާލިއިރު ވައިބަރއިން ރަނާގެ މެސެޖްތަކެއް އައިސްފައި އޮތެވެ. އޭގައި އޮތީ އެންގޭޖްމެންޓް އަނގޮޓިތަކެއްގެ ނަމޫނާތަކެކެވެ. އެތަނުން އާރިމްއަށް ރީތި އަނގޮޓިއެއް ބުނުމަށް އެދިފައި އޮތެވެ. ކޮންމެވެސް ޖަވާބެއް ދޭން ޖެހޭތީ އާރިމް އެތަނުން އެއް ފޮޓޯ ފޮނުވާލާފައި އެ އަނގޮޓި ރީތިކަމުގައި ބުންޏެވެ. އެއަށްފަހު އިތުރަށް ރަނާ ކިޔާ އެއްޗަކަށް ނުބަލާ ފޯނު ބާލީސްދަށަށް ލާފައި ނިދޭތޯ ލޯމަރާލިއެވެ. އެވަގުތު ކުއްލިއަކަށް އާރިމްއަށް ސިފަވީ ނަޝާގެ ލޯބިލޯބި މޫނެވެ. އެ މޫނު ސިފަވުމުން ވެފައި ހުރި ވަރުބަލި މަތިންވެސް އޭނާ ހަނދާން ނެތުނެވެ. އަދި އަވަސް އަވަހަށް ތެދުވެފައި ޓީޝާޓެއް ލައިގެން ކޮޓަރިން ނުކުތެވެ. އޭނާގެ މަންޒިލަކަށްވީ ނަޝާ އުޅޭ ގެޔެވެ.

އާރިމް ގޮސް ނަޝާ އުޅޭ ގޭގެ ދޮރޯށި ހުޅުވާލާފައި އެތެރެއަށްވަނެވެ. ގެ ބުރިބުރިއަށް ނަގާފައި ހުރިއިރު ނަޝާމެން އުޅެނީ ފުރަތަމަ ބައިގައިކަމުގައި ނަޝާ އޮތީ ކުރީ ދުވަހު ބުނެފައެވެ. އެހެންކަމުން އާރިމް މަޑުމަޑުން ހިނގާލާފައި ގޮސް ސިޑިން އެރިއެވެ. އަދި ފުރަތަމަ ބުރީގައި ފެންނަން ހުރި ދޮރުގައި ޓަކި ޖަހާލިއެވެ. ޓަކި ޖަހާލުމަށްފަހު މާ ގިނަ އިރެއް ނުވެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ބަލާލިއިރު ދޮރުމަތީގައި ހުރީ އާރިމްގެ މަންމަމެން އުމުރުގެ އަންހެނެކެވެ.

"ނަޝާ އެބައުޅޭތޯ؟" އާރިމް ހިނިތުންވެލާފައި ވަރަށް އަދަބުވެރިކަމާއެކު ސުވާލުކޮށްލިއެވެ. މޫނުމަތިން އެއީ ވަރަށް ހިތްހެޔޮ މީހެއް ވައްތަރު ޖަހައެވެ.

"ނަޝާގެ ރައްޓެއްސެއް ދޯ؟ ނަޝާ އުޅެނީ މަންމައަށް ކާން ދޭން. އާދޭ އެތެރެއަށް." އެމީހާ އެހެން ބުނެލުމަށްފަހު ކުރީގައި ހުރެގެން އެތެރެއަށް ހިނގައިގަތެވެ. އާރިމްވެސް އެމީހާ ފަހަތުން އެތެރެއަށް ވަދެގެން ދިޔައެވެ. އެއީ ކުޑަ އެޕާޓްމެންޓެކެވެ. ސިޓިންގރޫމްގައި އާދައިގެ ސޯފާސެޓެއް ބަހައްޓާފައި ހުރިއިރު ކުރިމަތީގައި ޓީވީ ރެކެއްގައި ޓީވީއެއް ހުއްޓެވެ. ސިޓިން ރޫމްގެ އެއްބައިގައި ކައްކާ ތަންކޮޅަކާއި ކުޑަ ކާ މޭޒެއް ހުއްޓެވެ. ކަނާތް ފަރާތަށް އަޅާއިރު ގޯޅިއެއް ހުރިއިރު ދެފަރާތުގައި ދެ ކޮޓަރި ހުއްޓެވެ. އެމީހާ ގޮސް އެތަނުން ފުރަތަމަ ޖެހުނު ކޮޓަރިއަށް ވަނެވެ. އޭރު ނަޝާ އިނީ ދެބުރިއަށް ހުރި އެނދެއްގެ ތިރީ އެނދުގައި އޮތް އޭނާގެ މަންމަ ހަފީޒާއަށް ކާންދޭށެވެ. އެ ކުޑަ ކޮޓަރީގައި ދެބުރިއަށް ހުރި އިތުރު އެނދެއް ހުއްޓެވެ. އޭގެ އިތުރުން ދެ ދޮރުފަތްލީ އަލަމާރިއަކާއި ކުޑަ ފޮތް އަޅާ ކަބަޑެއްވެސް ހުއްޓެވެ. އޭރު އެތާ ތަޅަންމަތީގައި ފުރާވަރުގެ ދެ ފިރިހެން ކުދިން އެއްޗެއް ކުރަހަން ތިއްބެވެ.

"އާރިމް؟" ކުއްލިއަކަށް އާރިމް ފެނުމުން ނަޝާއަށް ކޮޅަށް ތެދުވެވުނެވެ. ހުރެވުނު ގޮތުން އޭނާ ލަދުގަތެވެ. އޭނާ ހުރީ ގޭގައި ލައި އުޅޭ ބައު ހެދުމެއްގައި ރީތިވެސް ނުވެއެވެ.

"ގުޅާލާފަ އައިނަމަ." ލަދުގެންފައިހުރިވަރުން އާރިމް ކައިރީގައި އެތެރެއަށް ވަންނާށޭ ބުނަންވެސް ނަޝާ ހަނދާން ނެތުނެވެ.

"މިއައީ ނަޝާގެ މަންމައަށް ގޮވާލަން." ހިނިތުންވެލާފައި އާރިމް ބުންޏެވެ. އަދި އަތުގައި އޮތް މޭވާ ކޮތަޅު ނަޝާއާ ދިމާއަށް ދިއްކޮށްލިއެވެ.

"އާދޭ އެތެރެއަށް." ދޮރު ކައިރިއަށް އައިސް އާރިމް ދިން ކޮތަޅުގައި ހިފަމުން ނަޝާ ބުންޏެވެ.

"މަންމާ. މިހިރީ ޔާސީންގެ ރައްޓެއްސެއް. އަހަރެމެންގެ ކައިވެންޏަށް މާލޭން ދިޔައެއްނު." ނަޝާ މަންމައަށް އާރިމް ތަޢާރަފްކޮށްދިނެވެ. އެވަގުތު އާރިމް ރަނގަޅަށް ނަޝާގެ މަންމައަށް ބަލާލިއެވެ. އެއްފަޅި ވާގިނެތިފައި އޮތުމުން ހަފީޒާގެ އެއް އަތްތިލައިގެ އިނގިލިތަކާއި، ހަމަ އެ ފަޅީގެ ފައިގެ އިނގިލިތައް ހުރީ އެތެރެއަށް މެޅިފައެވެ. އަނގަވެސް އޮތީ އެފަރާތަށް އޮރިކޮށެވެ.

"ދައްތާ ޙާލު ކިހިނެއް؟" އާރިމް ކުޑަކޮށް ގުދުވެލާފައި ހަފީޒާ ކައިރިން ޙާލު އަހާލިއެވެ.

"ރަނގަޅު. ހާދަ ރަނގަޅޭ ގޮވާލަން އައީމަ." ހަފީޒާ ވާހަކަ ދެއްކީ އުނދަގޫ ގޮތަކަށެވެ. ނަމަވެސް ކިޔާ އެއްޗެހި ސާފުވެއެވެ.

ނަޝާ އާރިމް ގޮވައިގެން ނުކުތީ ސިޓިންގ ރޫމަށެވެ. އަދި ޖޫސް ތައްޓެއް ހަދައިގެން ގެނަސް ދިނެވެ. އެއަށްފަހު އާރިމް އިށީނދެ އިން ގޮނޑި ދޫކޮށްފައި ދެން ހުރި ގޮނޑީގައި އިށީނދެލިއެވެ. އެ ހުރިހާ އިރަކު އާރިމް އިނީ ނަޝާގެ ހަރަކާތްތަކަށް ކަޅި ޖަހާނުލާ ބަލާށެވެ.

"ކޮންއިރަކުން ސްކޭން ހަދަން ދާން އޮތީ؟" ޖޫސް ތަށިން ކޯވަރެއް ބޯލުމަށްފަހު އާރިމް ސުވާލުކޮށްލިއެވެ. އޭރު ނަޝާ އިނީ އިސްދަށަށް ޖަހާލައިގެންނެވެ.

"މާދަން ހެނދުނު ނުވައެއް ޖަހާއިރު." އާރިމްއާ ދިމާއަށް ބަލާލަމުން ނަޝާ ބުންޏެވެ.

"އަހަރެން އަންނާނަން ބަލާ އިނގޭ." އާރިމްގެ އަޑުގައި ވަނީ ލޯތްބާއި އަޅާލުމެވެ.

"ނޫން. އާރިމް އޮފީސް ގަޑިއެއްނު އެއީ. އަހަރެން ހިނގާލާފަ ގޮސްދާނަން." ނަޝާ ވަގުތުން މަނާވެގަތެވެ.

"ޕްލީޒް ނަޝާ. އަހަރެން ބޭނުން ނަޝާއަށް ހެލްޕް ވާން." އާދޭހާއެކު އާރިމް ބުނެލިއެވެ.

"އެއީ ކީއްވެ؟" ނަޝާއަށް އެވަގުތު ކޮށްލެވުނީ ސުވާލެކެވެ. އޭރު އޭނާ އިނީ އާރިމްގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުން ދޭހަވަނީ ކޯއްޗެއްތޯ ހޯދާފަދައެވެ.

"ޔާސީންއަށްޓަކައި." ސިއްރު ހާމަވެދާނެތީ ޖޫސްތައްޓަށް ނަޒަރު ބަދަލުކޮށްލަމުން އާރިމް ޖަވާބުދިނެވެ. ލޯބިވާތީއޭ ބުނަން އޭނާ ކިތަންމެހާވެސް ބޭނުންވެއެވެ. ނަމަވެސް ޙަޤީޤަތް ހާމަކުރާކަށް ނުކެރުނެވެ. ނަޝާ ހީކޮށްފާނެ އެއްޗަކާމެދު އޭނާ ޖެހިލުންވެއެވެ. ނަޝާ ހިތްހަމަނުޖެހިއްޖެނަމަ މިހާރު މިއޮތްވަރަށްވެސް ގުޅުން ނުބޭއްވިދާނެއެވެ. ނަމަވެސް އޭނާ ވަރަށް ކައިރިން ނަޝާގެ ޙާލު ބަލަން ބޭނުމެވެ. ދުލުން ހާމަނުކުރިނަމަވެސް މިހާރުވެސް ނަޝާ އެއުޅެނީ ހާދަ ޙާލެއްގައެވެ. އެހެންކަމުން އާރިމް ޖަވާބު ދިނީ އެންމެ މަސްލަޙަތު ރަނގަޅުވާނެ ގޮތަށް ބަލާފައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ