އެތުލެޓިކޯ ބަލިކޮށް ޗެމްޕިއަން ބަޔާންއިން ރެކޯޑު ދަމަހައްޓައިފި

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގައި މޮޅުވެ ހަދަމުން އަންނަ ރެކޯޑު ދަމަހައްޓައިފިއެވެ.

ފަސޭޙަ ކަމާއެކު 4-0 ގެ ނަތީޖާއަކުން ބަޔާންއިން ރޭގެ މެޗުގައި އެތުލެޓިކޯ ބަލިކުރިއިރު، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުންވެސް ބަޔާންވަނީ މޮޅުވެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބަޔާންގެ ލަނޑުތައް ޖަހާދީފައިވަނީ ކޯމަން، ގޮރެޒްކާ އަދި ޓޮލީސޯއެވެ. ރޭގެ މެޗުގައި ކޯމަންވަނީ ބަޔާންއަށް ދެލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެތުލެޓިކޯއިންވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ޔާއޯ ފެލިކްސް ފޮނުވާލި މިހަމަލާގައި ކީޕަރަށްް ބޯޅަ ގެއްލޭ ހިސާބުގައި ކީޕަރުގެ ކުރި މަތީ ހުރި ލުއިސް ސުއަރޭޒް އޮފްސައިޑުގައި ހުރުމުން ލަނޑުވަނީ ކެންސަލްކޮށްފައެވެ.

ރޭގެ މެޗަކީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކޯޗިން ކެރިއަރުގައި ޔޫރަޕްގައި ނުކުތް 100 ވަނަ މެޗެވެ.

މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި 43 ލަނޑުޖަހައި ކްލަބު ރެކޯޑެއް ހެދި ބަޔާންއިން މިސީޒަންވެސް ފަށާފައިމިވަނީ ފޯމުގައި ގިނަ ލަނޑުތަކެއް އިދިކޮޅު ޓީމު ގޯލަށް ވައްދާލުމަށްފަހުގައެވެ.

މިގްރޫޕްގެ އަނެއް މެޗުގައި ސަލްޒްބާގާއި ލޮކޮމޯޓިވް މޮސްކޯ ބައްދަލުކުރި އެމެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ