އަދުގެ ޒުވާނުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުއްވުމަށް ޔޫތް މިނިސްޓަރ އަހުމަދު މަޙްލޫފް ގޮވާލައްވައިފިއެވެ.
މަޙްލޫފް މިފަދައިން ވިދާޅުވެފައިވަނީ، ފުރަތަމަ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ޚިތާބުގައެވެ.
މަޙްލޫފް ވިދާޅުވީ، ޒުވާނުންގެ ދުވަހާއި އަޅުގަނޑުމެން ކުރިމަތިލާއިރު މުޅި ދުނިޔެއާއި ރާއްޖެ މިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެތަކެއް ބައިވަރު ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފައި ކަމަށާއި މިދަތި އުނދަގޫ ވަގުތު އާއިލާ ތަކާއި ދުރުގައި އެންމެ އިސް ސަފުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ބަޔަކީ ދިވެހި ޒުވާނުން ކަމަށެވެ.
"ނަރުހުން، ޑޮކްޓަރުން، ފުލުހުން، ސިފައިން، ވޮލަންޓިއަރުން، އަދި ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި އެންމެ އިސް ސަފުން ފެންނަނީ، ވަރުބަލިކަމެއް ނެތި ދިވެހި ޒުވާނުން ފުރާނަ އަތްމައްޗަށް ލައިގެން ކުރައްވަމުން ގެންދަވާ ވަރުގަދަ ގުރުބާނީ." މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުގެ ދަށުން އެކިއެކި ވުޒާރާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެތައްހާސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެދިގެން ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ފެންނަ ކަމަށާއި ކުޅިވަރު ކުރިއަރުވާ އެހެން ހަރުފަތަކަށް ގެންދިޔުމަށް ދިވެހި ތާރީހުގައި ވެސް ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާވަރަށް ކުޅިވަރަށް ހަރަދުކޮށް ކުޅިވަރު ފެސިލިޓީސް ގާއިމްކޮށް، އެތްލީޓުންނަށް ރަނގަޅު ތަމްރީނުު ދީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓުކޮށް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި ދިވެހި ޒުވާނުން ވަނީ ބޮޑެތި ކާމިޔާބީ ތަކެއް ހާސިލްކޮށްފައި ކަމަށެވެ.
"ޒުވާނުންގެ ދުވަހެއް އަޅުގަނޑުމެންނާ ކުރިމަތިލާއިރު، މިނިވަންކަމާއެކު ހިޔާލުފާޅުކޮށް ބަސްބުނެ އުޅުމުގެ ފުރުސަތު އެއްވެސް ބިރެއްނެތި ލިބަފއިވާކަމީ ފަހުރުވެރިކަމާއެކު އަޅުގަނޑު ފާހަގަ ކުރާ ކަމެއް." މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް އިތުރަށް ވިދާޅުވީ، ކަންކަން ހާސިލްކުރުމަށްޓަކައި ކާމިޔާބީއަށް ވާސިލްވުމަށް ބޭނުންވާ މަންޒިލަށް ދިޔުމަށް ކުރާ ދަތުރުގައި ގިނަ ގޮންޖެހުންތަކެއް އަދި ދަތި އުނދަގޫ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށާއި ނަމަވެސް ކޮންމެ ޒުވާނަކުވެސް އަޒުމް ކަނޑައަޅަންވީ މިހެން ދިމާވާ ދަތި އުނދަގޫތައް ގިރާކޮށް ބޭނުންވާ މަންޒިލަށް ވާސިލްވުމަށް ކަމަށެވެ. ހިތްވަރާއެކު ނުގުޑާފަދަ އަޒުމެއްގައި މަސައްކަތް ކޮށްފިނަމަ ކޮންމެ ޒުވާނަކަށް ވެސް، ވަކި ގިންތިއެއް ފަންތިއެއް ނެތި އެ ފުރުސަތު އޮންނާނެ ކަން އަޅުގަނޑުގެ އަމިއް ތަޖުރިބާގެ އަލީގައި ތިޔަ އެންމެހާ ޒުވާނުންނަށް ޔަގީންކޮށްދެއްވާ ކަމަށާއި ކުއް ކުރުމާއި ވިޔާނުދާ އާދަތަކުން ދުރުވެ މުޖުތަމައު ބަލައިގަންނަ ޒުވާނުންތަކަކަސް ވުމަށް އެންމެހާ ޒުވާނުން އަޒުމް ކަނޑައެޅުމަށް ގޮވާލެއްވިއެވެ.



