ހެލްތު މިނިސްޓަރަކަށް އަޙްމަދު ނަސީމް (ކެރެފާ ނަސީމް) އައްޔަން ކުރައްވައިފި އެވެ.
ކެރެފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް ހޫދު ވަނީ ހާމަކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ހެންވޭރު ހިކިފިނިފެންމާގެ، އަލްފާޟިލް އަޙްމަދު ނަސީމް އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމިުގެ މަޤާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އޮކްޓޫބަރ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ހެންވޭރު ހިކިފިނިފެންމާގެ، އަލްފާޟިލް އަޙްމަދު ނަސީމް.(@KerafaNaseem) އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފި.
— Ibrahim Hood (@MvSpokesperson) October 22, 2020
ކެރެފާ ނަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންވާފައެވެ.




