އޮސްޓްރޭލިއާގެ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެތަކުގެ އަނދިރި ފަރާތް

އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ އޮސްޓްރޭލިއާގެ ރެސިޑެންޝިއަލް ނާރސިން ހޯމްސްތަކުގައި ހިނގައިފައިވާ ލާއިންސާނީ އަމަލުތައް އެގައުމުގެ ހާއްސަ ކޮމިޝަނަކުން ފަޅާއަރުވާލައިފިއެވެ.

އުމުރުން ދުވަސްވީ ފަރާތްތައް ބަލަހައްޓާ ތަންތަނުގައި އެތާ ތިބޭ މީހުންނާއި މެދު ކަންތައްކުރާ ގޮތާއިމެދު އުފެދުނު ކަނބޮޑުވުންތަކާއި ގުޅިގެން އޮސްޓްރޭލިއާގެ ސަރުކާރުން 2018 ވަނަ އަހަރު އުފެއްދި އޭޖް ކެއާރ ކޮލެޓީ އެންޑް ސޭފްޓީ ކޮމިޝަނުން މިފަދަ ބަޔެއް ތަންތަނުގެ ހަގީގަތް ހާމަކުރަމުން ބުނެފައިވަނީ މި ސެކްޓާގައި ކޮންމެ ހަފްތާއަކު 50 ޖިންސީ ގޯނާގެ ހާދިސާ ހިނގާކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

2018 ވަނަ އަހަރުން 2019 ވަނަ އަހަރަށް ކުރެވުނު ތަހުގީގުތަކަށްފަހު މިއަދު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، މިމުއްދަތުގެ ތެރޭގައި 2،520 ވަރަކަށް ޖިންސީ ގޯނާގެ އަމަލުތައް އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި އެމީހުންނާއި ދެކޮޅަށް ހިނގައިފައިވާ ކަމަށެވެ.

މި ރިޕޯޓުތައް ހިއްސާކުރަމުން ކޮމިޝަނުގެ ކައުންސިލް ޕީޓަރ ރޯޒެން ބުނެފައިވަނީ، މިއީ ގައުމަށްހުރި ބޮޑު ލަދުވެތި ކަމެއް ކަމަށާއި މިފަދަ ރިޕޯޓްތައް ލިބުނު ސަރުކާރުގެ ކަމާބެހޭ ޑިޕާޓްމެންޓުން އެކަށީގެންވާ ފިޔަވަޅު އަޅައިފައިނުވާކަމީ އަދި މާ ބޮޑު ލަދުވެތިކަމަކާއި ދެރައެއް ކަމަށެވެ.

ރޯޒެން އިތުރަށް ބުނެފައިވަނީ، މިފަދަ ތަންތަނުގައި ހިނގާ މިފަދަ ޖިންސީ ޝިކާރައިގެ އަމަލުތަކަކީ މާކުރިންސުރެއް އޮއްނަ ކަނބޮޑުވުމެއް ކަމަށެވެ. މިގޮތުން މިފަދަ ތަންތަނުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ 13-18 އިންސައްތައިގެ މީހުންނަށް މިފަދަ ޖިންސީ ފުރައްސާރައިގެ އަމަލުތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ތަހުގީގުތަކުން ދައްކާގޮތުން ޖުމްލަ ގޮތެއްގައި މިފަދަ ތަންތަނުގައި ޖިންސީ ގޮތުންނާ، ނަފްސާނީ ގޮތުންނާ، އަދި ޖިސްމާނީ ގޮތުން އަހަރެއްގެތެރޭ 32،000 ހަމަލާ ދެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ