ޣައްސާން އެމްޑީޕީއަށް: ޖަލުގައި މީހުން މަރަން މައުމޫން އަމުރު ކުރިތޯ ނުބަލަނީ ކީއްވެ؟

ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ އަމުރަށް ޖަލުގައި އެތައް ޒުވާނުންނެއް މެރިކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ވިދާޅުވުމުން ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އޭނާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަނދުން ހުސޭން މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން ގެންގުޅޭ ޒުވާނުންގެ ސިޔާސަތައް ޣައްސާން ފާޑުވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މަޢުމޫންގެ ވެެރިކަމުގައި ޖަލުގައި އަނިޔާ ލިބިފައިވާ ބައެއް މީހުންގެ ފޮޓޯއާއެކު ހުސެން ވިދާޅުވީ ތިވާހަކަ ދައްކަވަން ޣައްސާން ލަދުފުޅު ގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެފޮޓޯތައް ދެކެވަޑައިގެންނެވިތޯ ސުވާލުކުރައްވާ ފައިވެއެވެ. އަދި އެމީހުން މަރަން އޯޑަރުދެއްވީ ޣައްސާންގެ ބައްޕާފުޅުކަމަށް ވިދާޅުވެފައިވެއެވެ.

ހުސެންގެ މި ޓްވީޓަށް ރައްދު ދެއްވައި ޣައްސާން ވިދާޅުވީ، ތިއީ "ދޮގެއް!" ކަމަށެވެ.

"މިހާރު އެމްޑީޕީ އަށް މިއޮތީ ދެވަނަ ފަހަރަށް ވެރިކަން ލިބިފައި. ތިއީ އަމިއްލައަށް ތިމަންނަމެންނީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނުން ކަމަށް ބުނާ ޕާޓީ. ކަލޭމެން ތިދައްކާ ވާހަކައިގެ ކުޑަކުޑަ ތެދެއް އޮތްނަމަވެސް ތިޕާޓީން ނުވަތަ ސަރުކަރުން ތިކަމުގައި ޤާނޫނީ ފިޔަވަޅު ނާޅައި ތިތިބީ ކީއްވެ؟" ޣައްސާން ސުވާލު ކުރައްވާފައިވެއެވެ.

ޣައްސާންގެ ޓްވީޓްގައި އަނދުން ހުސޭންގެ އިތުރުން ރައީސް މައުމޫނާއި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވެސް ޓެގް ކުރައްވާފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ