ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމުގައި "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" ހުށަހަޅަންޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެނު އިއުލާނެއްގައިވިދާޅުވީ، ދިވެހިރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭ ފަރާތްތަކުން އެ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ވަޒީފާ ދޭ ފަރާތުން ހަމަޖައްސާފައިވާ ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރާ ތަން (ވޯކް ސައިޓް) އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް؛ ސިވިލް ކޯޓުގައި ނުވަތަ ރަށެއްގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ، "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، ހުށަހަޅާންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" މި މިނިސްޓްރީގެ ވެބްސައިޓް (employment.trade.gov.mv) އިންނާއި އެކްސްޕެޓް އޮންލައިން ސިސްޓަމްއިންވެސް ލިބިވަޑައިގަންނަވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ޤަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލަ ބޮޑުވެެފައިވާއިރު، ސަރުކާރުން އަންނަނީ މިކަން ހައްލުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިފަދަ ބިދޭސީން ޤައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.
								
											

