ފުލުހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް ފާއިތުވެދިޔަ ދުވަސްތަކުގައި ނައިޖީރިއާގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ޖުމްލަ 69 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ބުނެފައިވަނީ މަރުވި 69 މީހުންގެ ތެރޭގައި އާންމު ރައްޔިތުންނާއި، ފުލުހުންނާއި، އަދި ސިފައިންވެސް ހިމެނޭ ކަމަށެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްއިން މިދިޔަ ހަފްތާގެ ކުރީކޮޅު ބުނެފައިވަނީ، ނައިޖީރިއާގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި 56 ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
ނައިޖީރިއާގައި ފުލުހުންގެ ހަރުކަށިކަމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޒުވާނުންނެވެ. މި ޒުވާނުން އެގައުމުގެ ސަރުކާރަށް ގޮވާލަމުން ގޮސްފައިވަނީ އެގައުމުގެ ފުލުހުންގެ ޔުނިޓެއް ކަމަށްވާ ސާރސް އުވާލުމަށެވެ.
ސާރސް އަކީ ސުޕެޝިއަލް އެންޓި ރޮބަރީ ޔުނިޓެކެވެ. މުޒާހަރާތަކާއި ގުޅިގެން ނައިޖީރިއާގެ ސަރުކާރުންވަނީ މި ޔުނިޓު އުވާލައިފައެވެ. ނަމަވެސް މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.




