ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިއްޔެ ދުނިޔެއިން ބައިމިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އިއްޔެ ވެފައިވަނީ ދުނިޔެއިން ކޮވިޑް-19 ފެނުނު ފަހުންވެސް މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ދުވަހަށެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް 490,059 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އިއްޔެ 5 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާއިރު އިއްޔެ ވަނީ 240،199 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައެވެ. އަދި އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 6,531 މީހުންނެވެ.
މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 42 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 42,463,354 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް މުޅި ދުނިޔެއިން 31,418,153 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 1,148,703 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 8،756،953 މީހުންވަނީ ޕޮޒިޓިވްފެފައެވެ. އަދި އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީވެސް އެމެރިކާ އިންނެވެ. އެގޮތުން އިއްޔެ އެމެރިކާއިން ވަނީ 81,210 މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް އެމެރިކާ ގައެވެ. އެގޮތުން މި ބަލި ޖެހިގެން އިއްޔެ 903 މީހުން އެގައުމުން މަރުވެފައިވާއިރު ޖުމްލަ މިހާތަނަށް އެގައުމުން ވަނީ މިބަލި ޖެހިގެން 229,284 މީހުން މަރުވެފައެެވެ.



