އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުއްނަ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގެ ބޭރުގައި އަމިއްލައަށް މަރުވެގެންދިން ބޮމުގެ ހަމަލާއެއްގައި 13 މީހުން މަރުވެއްޖެއެވެ.
އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓަރާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ މި ހަމަލާ ދީފައިވަނީ މަތީ ތައުލީމީ ކޯސްތަކަށް ކިޔަވައިދޭ އަމިއްލަ މަރުކަޒަކަށް އަމާޒުކޮށް ކަމަށެވެ. އަދި މި ހަމަލާގައި 13 މީހުން މިހާތަނަށް މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު 30 އަރާކަމަށެވެ.
ޒަހަމްވި ބަޔެއް މީހުންގެ ހާލު ސީރިއަސްކަމުން މި ހަމަލާގައި މަރުވި މީހުންގެ އަދަދު 13 އަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު ތޯލިބާނު ހަނގުރާމަވެރިންވަނީ މި ހަމަލާގެ ޒިންމާ އުފުލުމަށް ދެކޮޅު ހަދައިފައެވެ.
މިފަހަކަށް އައިސް އަފްގާނިސްތާނުގެ ސިފައިންނާއި އަދި ހަނގުރާމަވެރިންނާއި ދެމެދު އައްނަނީ ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންނެވެ. މިގޮތުން އަފްގާނިސްތާނުގެ ސިފައިން ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެމަގުން މިދިޔަހަފްތާގައި ދިން ހަމަލާއެއް މިސްކިތަކަށް އަމާޒުވެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވެއެވެ.



