ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފި 44 މީހަކު އޮސްޓްރޭލިއާއިން ހައްޔަރުކޮށްފި

ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ކޮށް އެކުދިން ބޭނުން ކޮށްގެން އެފަދަ ކަންކަމަށް ހިތްވަރު ލިބޭފަދަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި އޮސްޓްރޭލިއާއިން 44 މީހަކު ހައްޔަރުކޮށްފިއެވެ.

އޮންލައިންގައި ހިއްސާކުރާ ކުޑަކުދިން ހިމެނޭ ފޮޓޯއާއި އަދި ވީޑިއޯ ތަކުގެ އެހީގައި އޮސްޓްރޭލިއާގެ ފުލުހުން އަހަރު ދުވަހުގެ ދިގު ތަހުގީގަކަށްފަހު 44 މީހަކު ހައްޔަރުކޮށްފައިވާއިރު މި ތަހުގީގުތެރެއިން 16 ކުއްޖަކު ނުރައްކާތެރި މާހައުލަތަކުން ސަލާމަތްކޮށް ރައްކާތެރި މާހައުލުތަކަށް ބަދަލު ކޮށްފައި ވެއެވެ.

ކުޑަކުދިންނާއި ގުޅޭ މި މައްސަލައިގައި އޮސްޓްރޭލިއާއިން ހައްޔަރުކުރި މީހުންގެ އުމުރުފުރާ އުޅެނީ 19 އަހަރާއި 57 އަހަރާ ދެމެދުގައެވެ. އޮސްޓްރޭލިއާގެ ގިނަ ސިޓީތަކަކުން މިމައްސަލައިގައި މީހުން ހައްޔަރު ކޮށްފައިވާއިރު މި ސިޓީތަކުގެ ތެރޭގައި، ވިކްޓޯރިއާ، ކުއީންސްލޭންޑް، ސައުތު އޮސްޓްރޭލިއާ، ނިއު ސައުތުވޭލްސް، ވެސްޓާން އޮސްޓްރޭލިއާ، އަދި ޓަސްމޭނިއާ ހިމެނެއެވެ.

ހައްޔަރުކުރި މީހުންނާއި ދެކޮޅަށް 350 ދައުވާއެއް ކުރުމަށް ފުލުހުން ތައްޔާރުވެފައިވާއިރު މި ހުރިހާ ދައުވާއަކީވެސް ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދި އެކުދިން ބޭނުން ކޮށްގެން މިފަދަ ކަންކަމަށް ހިތްވަރު ލިބޭގޮތައް ތަކެތި އުފައްދައިފައިވުމާއި ގުޅޭ ދައުވާތަކެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހުން މަސައްކަތްކުރާ ދާއިރާ ތަކުގެ ތެރޭގައި، އިމާރާތް ކުރުމުގެ ދާއިރާއާއި ދަތުރުފަތުރު ކުރުމުގެ ދާއިރާއާއި ގާނޫނު ތަންފީޒް ކުރުމުގެ ދާއިރާއާއި އަދި މެހެމާންދާރީ އަދާކުރުމުގެ ދާއިރާ ހިމެނެއެވެ.

އޮސްޓްރޭލިއާގެ ފުލުހުންވަނީ މިފަދަ ކަންކަމާއި ގުޅިގެން މިއަހަރު އެކަނިވެސް 134 ކުޑަކުއްޖަކު ރައްކާތެރި މާހައުލުތަކަށް ބަދަލު ކޮށްފައެވެ. މީގެތެރޭގައި ގައުމުން ބޭރުން 67 ކުއްޖަކުވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ