ރެއާލްއިން ކްލަސިކޯ ކާމިޔާބުކުރިއިރު، ހުރިހާ ޝަކުވާއެއް ވީއޭއާރަށް!

އެލްކްލަސިކޯ ނަމުން މަޝްޙޫރުވެފައިވާ ވާދަވެރި ރެއަލްމެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ މިސީޒަންގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ކުޅެވުނު މިމެޗުގައި އަވޭގައި ކުޅެ ބާސެލޯނާގެ މައްޗަށް ރެއަލްމެޑްރިޑުން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ރެއާލްމެޑްރިޑުން ލީޑު ނެގިއެވެ. އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކާއެކު ރެއަލްމެޑްރިޑުން ލީޑު ނެގިނަމަވެސް އޭގެ ތިންމިނަޓް ފަހުން ބާސެލޯނާއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ 17 އަހަރުގެ ފޯވާޑް އަންސޫ ފާޓީއެވެ.

ދެޓީމަށްވެސް ލަނޑު ޖަހާނެ ހުސް ފުރުޞަތުތަކެއް ލިބިގެންދިޔަ މިމެޗުައި ދެވަނަ ފަހަރަށް ރެއަލްމެޑްރިޑުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 63 ވަނަ މިނިޓްގައި ކެޕްޓަން ރާމޮސް ޖެހި މިޕެނަލްޓީ އަކީ ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އޭރިއާ ތެރެއިން ރާމޮސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ވީއޭއާރު ބެލުމަށްފަހު ދިން މިޕެނަލްޓީއާއި ދެކޮޅަށް ގިނަ ބަޔަކުދަނީ އެތަށް ވާހަކަތަކެއް ދައްކަމުންނެވެ.

އެގޮތުން ބާސެލޯނާގެ ކޯޗު ކޫމަން ބުނީ، ވީއޭއާރު ބޭނުންކުރަނީ ބާސެލޯނާއާއި ދެކޮޅަށް ނިންމުންތައް ނިންމަން ކަމަށެވެ. އެހާދިސާގައި ފުރަތަމަ ފައުލްކުރީ ރާމޯސްކަމަށާއި، ލެންގްލެޓް ރާމޯސްގެ ޓީޝާޓުގައި ހިފެހެއްޓިނަމަވެސް، ރާމޯސް ވެއްޓޭވަރަށް ޓީޝާޓަށް ނުދަމާކަމަށާއި، އޭނާގެ ނަޒަރުގައި އެއީ ޕެނަލްޓީއެއް ދޭންޖެހޭވަރު ތަނެއް ނޫންކަމަށް ކޫމަށް ބުންޏެވެ.

އަދި ބާސެލޯނާއިން މިހާތަނަށް ކުޅުނު ފަސް މެޗުގައި ވީއޭއާރުގެ ބޭނުން ހިފާފައިވަނީ ބާސެލޯނާއާއި ދެކޮޅަށް ކަމަށްވެސް ކޫމަން ބުންޏެވެ.

މެޗުގައި ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޫކަ މޮޑްރިޗް އެވެ. އަދި މިއީ 2016 ވަނަ އަހަރަށް ފަހު ލީގުގައި ބާސެލޯނާ ދަނޑުގައި ރެއާލުން ހޯދި ފުރަތަމަ މޮޅެވެ. މިމޮޅާއެކު ރެއަލްމެޑްރިޑުންވަނީ 6 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. ފަސް މެޗުން ލިބުނު 7 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލްގެ ބާރަ ވަނާގައެވެ.

މިއީ ކްލަސިކޯ ތާރީޚުގައިވެސް ސަޕޯޓަރުން ނުވައްދައި ކުޅުނު ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ