ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލެއްގައި ހުންނާނެ އެންމެ ރަނގަޅު މާޙައުލުގައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ ރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި އެހުންތެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ލިޔުމެއްވާ ދީފައިވާކަމަށާއި އެ ލިޔުމުގައި ޓެސްޓެއް ހެއްދެވުމާއި ޔާމީން ސްޓްރެސްފްރީ މާހައުލެއްގައި ބެހެއްޓުމަށް ލަފާދީފައިވާ ކަމަށެވެ. އެ ދެ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ވާހަކަ ދައްކާފައިވާ ކަމަށާއި ޓެސްޓް ހެއްދެވުމަށް މި ރީޖަންގެ ގައުމުތަކުން ދާން ބޭނުންވާ ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށާއި އެމަނިކުފާނު އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ރަނގަޅު މާހައުލެއްގައި ކަމަށާއި އެ މަނިކުފާނަށް ހޫނު ފެނުން ފެން ވެސް ވެރުއްވޭނެ ކަމަށެވެ.
"އެ ހުންނެވީ ރަނގަޅު ފެންވަރުގެ ކުޑަވަރެއްގެ އެޕާޓްމަންޓެއްގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އިނގޭތޯ" އިމްރާން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ. އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.




