ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާއަށް ހިތްވަރު ލިބޭ: ޖަމީލް

ވަކި ބަޔަކު ކުށެއް ކުރީމާ ކުށަކަށް ނުވާ އުޞޫލެއް ނޯންނާނެކަމަށާއި، އަދި ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާއަށް ހިތްވަރުލިބޭކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިންވިދާޅުވެފައި މިވަނީ، 2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނުލްއުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް ތަޙްޤީޤްކޮށް، ހަމަހަމަކޮށް ދަޢުވާކުރަންޖެހޭނެކަމަށާއި ވަކި ބަޔަކު ކުރީމާ ކުށަކަށް ނުވާ އުޞޫލެއް ނޯންނާނެކަމަށެވެ.

" ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ. ގިނަ ބަޔަކަށް ރައްކާތެރިކަން ގެއްލިއްޖެ!" ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ޖިންސީ ގޯނާ ކުރިމަތިވި އަންހެން މިހާ ތަމްސީލުކުރާ ލޯ ފާމް "ރިޒާ އެންޑް ކޯ" އިންވެސް ވަނީ އިމްރާން ދެއްކެވި ވާހަކަ ކުއްވެރިކޮށް މިއަދު ވަނީ ބަޔާނެއް ނެރިފައެވެ. އަދި މިކަމަށް ފިޔަވަޅުއެޅުމަށް މަޖިލީހަށް ފޮނުވަން ނިއްމާފައިވާކަމަށް ފާމް އިން ބުނެފައިވެއެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި އެހުންތެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެ މައްސަލާގައި ޕްރޮސީޖަރަލް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކަންހިނގައި ދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ