ދެ އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އއ.ރަސްދޫގެ އިތުރުން ރ.ދުވާފަރުގައެވެ.
ފުލުހުން ވިދާޅުވީ، އއ.ރަސްދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މި ހިނގާ އޮކްޓޯބަރ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ.
އެގޮތުން އެއޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 23 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މި މަހުގެ 23 ވަނަ ދުވަހު ރ. ދުވާފަރުގައި ހިންގި އެ އޮޕަރޭޝަނުގައި 18 އަހަރާއި، 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ވިދާޅުވީ، އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ފުލުހުން މި މައްސަލަތައް ދަނީ ތަހުޤީގު ކުރަމުންނެވެ.



