އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

މުއުމިނުންގެ ސިފައަކީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން - ޚުޠުބާ

މުޢުމިނުންގެ ސިފައަކީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، ރަމަޟާން މަހުގެ ސަބަބުން ތަޤްވާވެރިވެ ހެޔޮ ޢަމަލު ކުރުމަށް ފަހިކޮށްދީ، މުޅި އަހަރުގައި ބޭނުންކުރެވިދާނެ ރޫޙާނީ ހަކަތަ އިންސާނާގެ ހަށިގަނޑުގައި އުފައްދައިދޭ ކަމަށެވެ. އަދި ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމަކަށް ވާތީ އެ މަހުގައި ޞާލިޙު ޢަމަލުތައް ކުރުމަށް ޝައުޤުވެރިކަން ބޮޑުވާނެ ކަމަށާއި، ރަމަޟާން މަސް ނިމުމާއެކު އެކަންކަމާ ދުރުހުލި ނުވުމަށް ޚުޠުބާގައި ނަސޭހަތް ދެއްވިއެވެ.

"ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ، އޭގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް މެދުނުކެނޑި ކުރެވޭ ޢަމަލެވެ." ކުޑަ ނަމަވެސް ރަނގަޅު ކަންކަން ކުރުމުގެ މަތީ ދެމިތިބުމަށް ބާރުއަޅުއްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ޚުޠުބާގައި ވިދާޅުވެފައިވަނީ، ރަމަޟާން މަހުގެ ރޯދައިގެ ފައިދާ ލިބުނު މިންވަރު ބަލާލެވިދާނެ ގޮތެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރަމަޟާން މަސް ނިމުމަށް ފަހުގައި ހެޔޮކަންތައްތައް ކުރުންމަތީ ދެމިހުރެވިއްޖެނަމަ އެއީ އެމީހަކު ހިފި ރޯދަ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެއް ކަމަށާއި، ރަމަޟާން މަސް ނިމުމުން އަޅުކަމާއި ދުރަށް ދެވޭނަމަ އެއީ އެމީހަކު ހިފި ރޯދަ ﷲ ޤަބޫލުފުޅު ނުކުރައްވާ ކަމުގެ ޢަމާލާތެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ބައެއް މީހުންނަކީ ރަމަޟާންމަހު އަޅުކަމުގައި ވަރަށް ހީވާގިކޮށް އެޅެ ޖަމާޢަތުގައި ނަމާދުކުރާ މީހުން ކަމަށާއި، ނަމަވެސް އީދު ނަމާދާއެކު އެފަދަ މީހުން މިސްކިތަށް އަލްވަދާޢު ކިޔާ ކަމަށާއި، އެހެންކަމުން އެފަދަ މީހުންނަކީ ރަމަޟާން މަހަށް އަޅުކަންކުރާ ބައެކޭ ހީވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ނަމަވެސް އަޅުކަން ކުރަންޖެހެނީ ރަމަޟާން މަހުގެ ވެރި ﷲ އަށް ކަމަށާއި، އެކަލާންގެ ވަޖްހުފު އަދައިގެން އިޚްލާޞްތެރިމަކާއެކު ކުރި ހެޔޮކަމެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވާނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ރޯދަވެރިޔާއަށް ލިބޭ އުފަލުގެ މައްޗަށް އަލިއަޅުއްވާލައްވާ ހުކުރު ޚުޠުބާގައި ވިދާޅުވީ، ރޯދަވެރިޔާއަށް ދެ އުފަލެއްވާ ކަމަށާއި، އެއީ ރޯދަވީއްލުމުން ލިބޭ އުފަލާއި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން ލިބޭ އުފާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"އެއީ ދުނިޔެމަތީގައި ދެއްވާ ވަގުތީ އުފަލަކާއި، އާޚިރަތް ދުވަހު ދެއްވާ ދާއިމީ އުފަލެކެވެ. ދުނިޔެމަތީގައި ލިބޭ އުފަލަކީ ﷲ ތަޢާލާ އެންގެވި ގޮތަށް ރޯދަ ހިފުނީތީ ލިބޭ ހިތްހަމަޖެހުމެވެ. ރޯދައިގެ ސަބަބުން ހަށިގަނޑަށް ލިބުނު ލޮޑުކަމާއި، ވަރުބަލިކަމުން އަބަދިވީތީ ލިބުނު އުފަލެވެ. ދާއިމީ އުފަލަކީ ސުވަރުގޭގެ ސަވާބާއި ދަރުމައެވެ." ޚުޠުބާގައި ވިދާޅިވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ