އިބްރާޙިމް ނަޒީދު - ފޮޓޯ: ފުލުހުން

މަކަރާ ހީލަތުން ފައިސާ ހޯދި މީހެއްގެ ޝިކާރައަކަށް އިރުރު ބަޔަކު ވެފައިވޭތޯ ބަލަނީ

މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މީހެއްގެ ޝިކާރައަކަށް އިތުރު ބަޔަކުވެފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ޅ. ހިންނަވަރު، ޢަންބަރީގެ، އިބްރާހީމް ނަޒީދު (37އ) އަކީ، ސައްހަނޫން އެއްބަސްވުންތަކެއް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް އެޕާޓްމަންޓް ކުއްޔަށްދީ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެއްކަމަށެވެ.

އެހެން ކަމުން އިބްރާހީމް ނަޒީދުގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ އިތުރު ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މަޢުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ފުލުހުން ވިދާޅުވީ ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގަވައިދެއްވުން އެދޭކަމަށެވެ.

މީގެ އިތުރުން ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމަޢުގައި އިތުރު ވަމުންދާ މައްސަލަތަކަކަށްވާތީ، ފައިސާއާއި އަގުބޮޑޫތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ހިނގާ މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ