ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. މި ޤައުމުގައި އިސްލާމް ދީނަށް ފުރިހަމައަށް ބޯލަނބައި ދީނުގެ ހަމަތަކުގައި ބަރާބަރަށް ހިފަހައްޓައިގެން އުޅޭ މުސްލިމުން މަދެއް ނޫނެވެ. ވަރަށް ގިނައިން އަޅުކަން ކުރާ އަދި ބޮޑެތި ހެޔޮ އަމަލުތައް ވެސް ކުރާ ގިނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ވެސް އެބަ އުޅެއެވެ.
ބައެއް މީހުން ހުރިހާ ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރެއެވެ. ނުހަނު ގިނައިން ކީރިތި ޤްރްއާން ކިޔަވައެވެ. ޞަދަޤާތް ކުރެއެވެ. ނަމަވެސް މިކަންކަން ކުރުމަށްފަހު ތިމަންނަ ހުރިހާ ތަރާވީހް ނަމާދެއް ކުރީމޭ، މިތަށް ފަހަރު ޚަތިމް ކުރީމޭ މިހައި މިންވަރަށް ޞަދަޤާތް ކުރީމޭ ކިޔައިގެން ފަޙުުރިވެރިވެގެން ނުވާނެއެވެ. އެކަމާއި ބޮޑާވެގެން ނުވާނެއެވެ.
އަޅުކަން ކުރެވުމަކީ އެހެން މީހެއްގެ މައްޗަށް ބޮޑާވެ ގަންނަން އޮތް ކަމެއް ނޫނެވެ. ހަމަ އެފަދައިން އަމިއްލަ ނަފުސަށްވެސް ބޮޑާވެވެން އޮތް ކަމެއް ނޫނެވެ. އެހެނީ އަޅުގަނޑުމެން ކުރި އަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން ނުވަތަ ނޫންކަން އަޅުގަނޑުމެންނަށް ނުއެނގޭތީއެވެ. ކުރެވުނު އަޅުކަމާއިމެދު ފަޚުރުވެރިވެ ބޮޑާވުމަކީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ.
ކީރިތި ޤްރްއާނުގައި ބަޔާންވެ އެނގެން އޮތް ގޮތުގައި މާތް ﷲ ގެ މަގުގައި ހޭދަކުރާމީހުން ހޭދަކުރާއިރުވެސް އަދި ހޭދަކުރުމަށްފަހުގައި ވެސް ތިބޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ އޭނާކުރި ޢަމަލު މާތް ﷲ ޤަބޫލުފުޅު ކުރެއްވެވިކަން މިދުނިޔޭގައި ނުއެނގޭނެތީއެވެ. އެކަންކަން އެނގޭނީ ހަމަ އާޚީރަތް ދުވަހުގައެވެ.
ފަޟީލަތުއްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ވިދާޅުވީ، ކުރެވުނު އަޅުކަމާއިމެދު ބޮޑާވެ ފަޚުރުވެރި ނުވާނެ ކަމަށާއި، އެއީ އެކަމުގެ ސަބަބުން ކުރެވުނު ހެޔޮ އަމަލުތައް އަޅުގަނޑުމެންގެ އަތުން ބީވެ ގެއްލިގެން ހިނގައިދާނެ ކަމަށްޓަކައި ކަމަށެވެ.
"ތިބާ އެކަމަކާ މެދު ބޮޑާވާ ހެޔޮކަމަކަށްވުރެ، ތިބާ އެކަމެއްގެ ކުރެވުނީތީ ހިތާމަކުރާ ނުރަނގަޅު ކަމެއްގެ ހެޔޮކަން މާބޮޑެވެ." މާތް ﷲ ރުއްުސުންލެއްވ ޢަލީގެފާނު ވިދާޅުވިއެވެ.
ކުރެވޭ ހެޔޮ ޢަމަލުތަކަށް ބޮޑާވާ މީހާ އެކަމުގެ ސަބަބުން ހެއްލި ގެއްލެނިވެދާނެކަމަށް ދީނީ އިލްމުވެރިން ވަނީ އިންޒާރު ދެއްވާފައެވެ. އެހެންކަމުން އެންމެހާ އަޚުންނާއި އުޚުތުން "ބޮޑާވުމާ" ދުރުހެލިވާން ޖެހެއެވެ.