47 އަހަރަށްފަހު އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން އާސެނަލް ބަލިވެއްޖެއެވެ.
އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މިމެޗު ލެސްޓާއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައިދިނީ ލެސްޓާގެ އިތުބާރު ފޯވާޑު ޖެމީ ވާޑީއެވެ. އަނިޔާގެ ސަބަބުން ކުރީ ދެ މެޗު ގެއްލުނު ވާޑީ ރޭގެ މެޗަށް ނުކުމެފައިވަނީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނަޓަށްވެފައިވަނިކޮށް ވާޑީ ލެސްޓާއަށް ލީޑު ނަގައިދިނީ ސެންގިޒްގެ ހުރަހަކުން ބޮލުންނެވެ. މިއީ އާސެނަލްއާއި ދެކޮޅަށް ކުޅުނު 12 މެޗުން ވާޑީ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗު ފެށުނުތަނާ އާސެނަލްއިން ލަނޑެއް ޖެހިނަމަވެސް، އެލަނޑު ކެންސަލްކޮށްފައިވަނީ ކޯނަރަކުން ލަކަޒެޓް ބޮލުން ޖެހި އެލަނޑުގައި ލެސްޓާގެ ކީޕަރު ކުރިމަތީ ބޯޅައަށް ހުރަސްއެޅޭ ހިސާބު، އޮފްސައިޑް ޕޮޒިޝަނެއްގައި އާސެނަލްގެ ޑިފެންޑަރު ޒަޚާ ހުރުމުންނެވެ.
Jamie Vardy's sixth #PL goal of the season earns Leicester the win#ARSLEI pic.twitter.com/90muZcgHd5
— Premier League (@premierleague) October 25, 2020
ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އާސެނަލްއިން އުފެއްދިނަމަވެސް ލެސްޓާގެ ކީޕަރަށް ނުރައްކާވާ މާ ކަހަލަ ހަމަލާއެއް ފޮނުވާލެވިފައެއްނުވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، ނަތީޖާއާއި ދޭތެރޭ ހިތްހަމަނުޖެހޭކަމަށެވެ. އަދި އާސެނަލްއިން ޖެހި ލަނޑު ކެންސަލް ކުރަންޖެހުނީ ކީއްވެކަމެއް ނޭނގޭކަމަށްވެސް އޭނާ ބުންޏެވެ.
ރޭގެ މެޗުން މޮޅުވެ ލެސްޓާއިން ތާވަލްގެ ހަތަރު ވަނައަށް ޖެހިލާފައިވާއިރު، ހަ މެޗުން ލިބުނު 9 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލްގެ ދިހަ ވަނާގައެވެ.




