ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.
އެގޮތުން އިއްޔެ އެކަނިވެސް 406,560 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
އިއްޔެ 4 ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 5,604 މީހުންނެވެ.
މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 43 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 43,436,586 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް މުޅި ދުނިޔެއިން 31,949,177 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 1,160,416 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 8,889,179 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 5,772,498 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 230,510 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 2,886,171 ކޭސް އެވެ. އަދި އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީވެސް އެގައުމުގައެވެ. އެގޮތުން އިއްޔެ އެމެރިކާއިން 60,889 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.
ކޮވިޑްގެ ނުރައްކާ ބޮޑު އެއް ޤައުމުގެ ތެރޭގައި އަވައްޓެރި އިންޑިޔާ ހިމެނެއެވެ. އެގޮތުން އެގައުމުން ޖުމްލަ ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 7,909,050 އަރާފައިވާއިރު އެގައުމުން ރަނގަޅުވެފައި ވަނީ 7,133,994 މީހުންނެވެ. އިއްޔެ އިންޑިއާއިން ވަނީ 45,158 މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް އިންޑިއާ ގައެވެ. އެގޮތުން މި ބަލި ޖެހިގެން އިއްޔެ 463 މީހުން އެގައުމުން މަރުވެފައިވާއިރު ޖުމްލަ މިހާތަނަށް އެގައުމުން ވަނީ މިބަލި ޖެހިގެން 119,030 މީހުން މަރުވެފައެެވެ.



