ތޫނުހަތިޔާރާއެކު އަރައި މަސްދޯންޏެއް ހައިޖެކް ކުރި މައްސަލައިގައި 3 މީހުން ހައްޔަރުކޮށްފިއެވެ.
ލ. ގަމު “ވަޑިނޮޅު” ކައިރީ އެންދަމަން ދިއްލައިގެން އޮއްވާ ގުރޫޕަކުން މަސްދޯންޏަށް އަރައި ހައިޖެކްކޮށް ފޭރެން މަސައްކަތްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 3 ފިރިހެނުންނެވެ.
ފުލުހުން ވިދާޅުވީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ރޭ ހައްޔަރުކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއްކަމަށެވެ.
22 މީހުންނާއެކު މަސްވެރިކަމަށް ނިކުމެ އުޅުނު އައްޑޫ ސީޓީ “ފަސްކުރި” ދޯނި ހައިޖެކްކޮށް، ފޭރެން މަސައްކަތްކުރި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



