އަސާސީ ހައްޤުން މަޙްރޫމްވެ، ބިކަވެފައިވާ އާއިލާއަކަށް އޭޑީކޭއިން ގެނުވި އުފާވެރިކަން

2019 ވަނަ އަހަރުގެ އަހަރުތައް ދިވެހިން ގުނަމުންދަނީ ގިނަ މީހުން އެންމެ ފަހުގެ ސްމާޓް ފޯނާއި، ލެޕްޓޮޕާއި ޓެބްލެޓްތަކުގެ އިތުރުން އެންމެ ޒަމާނީ ފެންވަރުގެ ގެތަކާއި، އަރާމު ފަރުނީޗަރުގެ ދާންތަކުގައި ފިނި ކޮޓަރިތަކުގައެވެ. އަނެއްބަޔަކު އެންމެ އަގުބޮޑެތި ސައިކަލާއި، ކާރުތަކުގަޔާއި، އެއްޤައުމުން އަނެއް ޤައުމަށް އުދުހުމުގައެވެ.

ނަމަވެސް، ހަތް މެންބަރުންގެ ލ.ހިތަދޫ އާއިލާއެއް ދިރިއުޅެމުން އައީ އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައިވާ ހާލުގައެވެ. އެންމެ ކުޑަމިނުން ފާހާނާ ކޮށްލެވޭނެ ފަދަވެސް ނެތި މަންމައަކާއި ފަސް ކުދިން އުޅެމުން އައީ ރަށުގެ ގޮނޑުދޮށަށް ފާހާނާ ކޮށްގެނެވެ. 13 އަހަރުގެ ފިރިހެން ކުއްޖަކު މަދަރުސާއަށް ގޮސް ތަޢުލީމު ހާސިލްކުރުމުން މަޙްރޫމްވެފައިވާ މާޔޫސީ ހާލުގައެވެ.

ތުއްތު ދެކުދިން ނިދާލަން ގޭގައި އޮތީ އެންމެ ދޮގަޑިއެކެވެ. މެއްސާއި އެހެނިހެން ދިރޭ ތަކެތިން މަޢުސޫމް ތުއްތު ކުދިން ވަނީ އަރާމު ނިދިން މަޙްރޫމްވެފައެވެ. ރައްކާތެރި ކާބޯތަކެއްޗާއި، ރައްކާތެރި ދިރިއުޅުމުގެ ވެއްޓެއް ނުލިބިފައެވެ. އެ ތުއްތު ކުދިންނަގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އެކުދިން ވަނީ މުޖުތަމައުން ވާކީވެ މާޔޫސްވެފައެވެ.

13 އަހަރުގެ ފިރިހެން ކުއްޖާ ބުނީ، ސްކޫލަށް ދާން ބޭނުން ނުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި މާޔޫސްކަމާއެކު ބުނީ، މާލާމާތާއި ފުރައްސާރައިގެ ތެރެއަށް ދާން ބޭނުން ނުވާކަމަށެވެ.

ފިރިއެއްގެ އެހީތެރިކަމާ ނުލައި ފަސްކުދިން ބަލަހައްޓަމުންދާ އެކުދިންގެ މަންމަ ބުނީ ގޯސްތަކެއް ހެދިފައިވާ ކަމަށާއި، އެކަންކަމާ ހިތާމަކުރާ ކަމަށެވެ. އަދި ނިކަމެތިކަމުގެ ނާޖާއިޒު ފައިދާނަގާފައިވާ ކަމަށާއި، މިހާރުވެސް ނިކަމެތިކަމުގެ ފައިދާ ނަގަން މަސައްކަތް ކުރާ ކަމަށެވެ.

ކުރު ގޮތަކަށް މި ކިޔައިދިނީ އޭޑީކޭ ޓީމުން ކޮންމެ އަހަރަކުވެސް ނިކަމެތި އާއިލާއަކަށް އެހީވުމަށްޓަކައި މިއަހަރު ކުރި ދިރާސާއިން އެންމެ ނިކަމެތި އާއިލާގެ ގޮތުގައި އެ ޓީމަށް ފާހަގަކުރެވުނު އާއިލާގެ ދިރިއުޅުން ހުރި ނިކަމެތި ގޮތެވެ. އެ އާއިލާއަށް އެހީތެރިކަމާއި، އަޅާލުމާއި، އޯގާތެރިކަން ފޯރުކޮށްދިނުމަށް އޭޑީކޭއިން ނިންމީ އެއީ އެކަމަށް އެންމެ އެކަށޭނަ އާއިލާކަމަށް ޤަބޫލުކުރެވޭތީއެވެ.

ސަރވޭއަށްފަހު 10 ދުވަހުގެ ތެރޭގައި އެ އާއިލާއަށް އެހީވުމަށްޓަކައި ބޭނުންވާ ސާމާނާއެކު އޭޑީކޭގެ ތީމު ލ.ހިތަދުއަށް އެރިއެވެ. މަސައްކަތް ފެށުނީ މި ރަމަޟާންމަހާ ވަރަށް ކައިރިވެފައިވަނިކޮށް ކަމަށްވާތީ މަސައްކަތް ކުރަންޖެހުނީ ރޯދައަށް ހުރެގެނެވެ. ގަދަ އަތްވާއި، ވިއްސާރައިގައިވެސް އޭޑީކޭގެ ޓީމު ހިތަވަރު އެލުވައެއް ނުލައެވެ.

"ރަމަޟާން މަހެއްގައި މިފަދަ މަސައްކަތެއް ކުރުން އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވި، ނަމަވެސް ޓީމުގެ ފަރާތުން ދެއްކި ހިތްވަރާ އެކީގައި މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ދިޔަ." އޭޑީކޭގެ މާކެޓިންގ އެގްޒެކެޓިވް އާދަމް ޝަމޫން ވިދާޅުވިއެވެ.

ޓީމުގެ ބުރަ މަސައްކަތުން ގެ އެއްކޮށް މަރާމާތުކޮށް، ޓިނު ޖަހާ، ސިމެންތި ޖަހާ، މުށި ޖަހައި، ޒަމާނީ ފަރުނީޗަރު ރާވައި، ފާހާނާ ބަހައްޓާ ޒަމާނީ ގެއަކަށް އެ ނިކަމެތި އާއިލާ ދިރިއުޅުނު ގެ ބަދަލުކޮށްލިއެވެ. އަންނައުނު ދޮންނަ މެޝިނާއި، ގޭސް އުނދުނުގެ އިތުރުން ތުއްތު ކުދިންނަށް ބޭނުންވާ އެންމެހާ ސާމާނު ގެއަށް ހަމަކުރިއެވެ.

އޭޑީކޭގެ ޓީމުން އެވަރުން ނިންމާލީކީ ނޫނެވެ. ތަޢުލީމުން މަޙްރޫމްވެފައިވާ 13 އަހަރުގެ ފިރިހެން ކުއްޖާއަށް ތަޢުލީމީ ފުރުޞަތުވެސް ފަހިކޮށްދީފިއެވެ.

"ތަޢުލީމު ލިބުމުން މަޙްރޫމް ވެފައިވާ ކުއްޖަކަށް ﷲ ގެ ރަޚްމަތުން އެ ފުރުޞަތު ހޯދައިދެވުނީތީ ވަރަށް އުފާކުރަން. ކުއްޖާ ސްކޫލަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، ސްކޫލަށް ގޮވައިގެން ދެވުނު އެވަގުތަކީ ބުނަން ނޭނގޭ އިޙްސާސްތަކެއް ކުރެވުނު ވަގުތުކޮޅެއް." އޭޑީކޭގެ މާކެޓިންގ އެގްޒެކެޓިވް އާދަމް ޝަމޫން ވިދާޅުވިއެވެ.

އޭޑީކޭ ޓީމުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ޝެއިހް އަލީ ޒާހިރު ވިދާޅުވީ، އެއީ ވަރަށް ހެޔޮ ޢަމަލެއް ކަމަށާއި، އެފަދަ މަސައްކަތްތަކަށް ހިތްވަރުދީ ގިނަ ބަޔަކު އެފަދަ މަސައްކަތްތަކުގައި ސާމިލުވާން ޖެހޭ ކަމަށެވެ.

"ހުވަފަތް ވެފައިވާ އަންހެނުންނަށާއި، މިސްކީނުންނަށް އެހީވުމަށްޓަކައި މަސައްކަތްކުރާ މީހުންނަކީ ﷲ ގެ މަގުގައި ޖިހާދުކުރާ މީހުންފަދަ ބައެކެވެ." ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

އެންމެ އަސާސީ ހައްޤުތަކުން މަޙްރޫމްވެފައިވާ ފަރާތްތައް ދިވެހިންގެ ތެރޭގައި ތިބިއިރު، އެފަރާތްތަކަށް އެހީތެރިވުމަށް ފޯރާ ފަރާތްތަކުން އިސްނެގުން މުހިންމެވެ.

އޭޑީކޭގެ މަސައްކަތުގެ ޓައިމްލައިން ވީޑިއޯ

މިލިޔުން ކިޔާލުމުން
3521
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. X

    Masha Allah. Ehiivi
    beydulhunnah Heyo jaza ..
    ..dhevvaashi
    Aameen.

    13

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ