މާލޭގައި ތަޢާރަފްކުރާ އާބަން ގާޑެނިންގ މޮޑެލްގެ އެއްބަސްވުމުގައި ސޮއިކޮށްފި

"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އާބަން ގާޑެނިން" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮއްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރެސްގައި 1094 އަކަފޫޓުގެ ސަރަޙައްދެއްގައި ފިޝަރީޒް ނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އާބަން ގާޑެނިންގ މޮޑެލްއެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމިނިސްޓްރީން ވިދާޅުވެފައި ވަނީ ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެކަމަށެވެ. "ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް" އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ވަނީ ހިމެނިފައެވެ.

ފިޝަރީޒް ނިސްޓްރީގެ އިސްނެގުމާއެކު ފަށާ މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތް އެކަޑަމީ" ޕްރޮގްރާމްއާއި ގުޅުވާލައިގެންނެވެ. ވަން އާތް އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއި(“Self-Sufficient”) އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އާބަން ގާޑެނިންގ މޮޑެލް ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކާބޯތަކެތި އުފެއްދުމުގައި ބޮޑެތި ބިންތައް އެކަނި ބޭނުންކުރުމުގެ ބަދަލުގައި، އާބާދީ ބޮޑެތި ސިޓީތަކުގައި ލިބެންހުރި ކުދިކުދި ތަންކޮޅުތަކުގައި ކާބޯތަކެތި އުފެއްދުމުގެ މުހިންމުކަން މިނިސްޓަރ ޒަޙާ ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު ކާބޯތަކެތި އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސުފުރާތަކާއި ހަމަޔަށް ގެނެސްދޭ ކާބޯތަކެތި އުފައްދަން އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސްކޫލް ކުދިން އަހުލުވެރިވުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ