ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް: ފުލުހުން

ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ ރަސްފަންނު މޫދާ ދިމާލަށް ދަނިކޮށް ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދަޅުވެފައި ވާއިރު، އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އޭނާއާއި ބައްދަލުވި ނުވަތަ ފެނުނު މީހަކު ވޭތޯ ފުލުހުން ދަނީ ބަލަމުންނެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށްކަމަށެވެ. 

އެހެންކަމުން، ދެންނެވުނު ދުވަހުގެ އެ ވަގުތުގައި މުޙައްމަދު ސިދުރަތުﷲ އަޙްމަދާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

 

ސިދުރަތުﷲގެ މަރާއި ގުޅިގެން ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދު ފީނާ ބަލާފައެވެ. އަދި ރަސްފައްނު ސަރަހައްދުގައި ތަޙްޤީޤު ބޭނުމަށް ހަރަކާތްތެރިވެ އެސަރަހައްދުން ބައެއް ތަކެތި އެވިޑެންސް ބޭގް އަށް އަޅައިގެން ފޮރެންސިކް ފުލުހުން ވަނީ ގެންގޮސްފައެވެ.

ސިދުރަތުﷲ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އޮކްޓޫބަރު 23 ވަނަ ދުވަހު އެސަރަހައްދަށް ފީނި ބަޔަކަށެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އެގޮތުން އޭނާގެ ހަށިގަނޑު ފެނުނު އިރު 1 ލޮލާއި ބުމަ ނެތް ކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައިއެވެ. އަދި އަނގައާއި ނޭފަތް މައްޗަށްވެސް އަނިޔާ ކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަ ހުރި ކަމަށްވެސް މި ނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ