މި ހަފްތާތެރޭ އިތުރު 2 އެއަރލައިންއަކުން ރާއްޖެއަށް ދަތުުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
އެމްއޭސީއެލުން ހާމަކުރިގޮތުގައި، މިހަފްތާތެރޭ ފްލައި ދުބާއީ އަދި ލުފްތަންސާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފްލައި ދުބާއީގެ ދަތުރުތައް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، ހަފްތާއަކު ހަތަރު ދަތުރު ދުބާއީ އާއި ރާއްޖެއާއި ދެމެދު ކުރާނެއެވެ. ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ލުފްތަންސާއިން ރާއްޖެއަށް ކުރާ ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓް އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 2 ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ބުދަ އަދި އާދިއްތަ ދުވަހުއެވެ.



