ބާސެލޯނާގެ ރައީސް ބާޓޮމެއު މަޤާމުން އިސްތިއުފާދީފި

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު މަޤާމުން އިސްތިއުފާ ދީފިއެވެ.

ބާޓޮމެއު އިސްތިއުފާދީފައި މިވަނީ އޭނާގެ އިތުބާރު ކަމުގެ ވޯޓެއް ނަގަން ބާސެލޯނާގެ އާންމު މެމްބަރުން ތައްޔާރުވަމުން ދަނިކޮންނެވެ. އެހެންނަމަވެސް މަޤާމުން އިސްތިއުފާ ނުދޭނެކަމަށް މީގެ ދެދުވަސްކުރިން އޭނާ ބުނެފައިވެއެވެ.

ބާޓެމޮއުގެ އިތުރުން ބާސެލޯނާގެ ބޯޑު މެމްބަރުންވެސް އިސްތިއުފާދީފައިވާއިރު، ބާޓެމޮއު ގެ އިތުބާރު ނެތްކަމަށް ބުނެ 20،687 މީހުންގެ ސޮއި ވަނީ ހޯދާފައެވެ. ބާސެލޯނާގެ ހިންގާ ބޯޑުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން ހުށަހެޅޭނީ މަދުވެގެން 16،000 މެމްބަރުންގެ ސޮޔާ އެކުއެވެ.

ބާޓޮމެއުގެ އިތުބާރު ގެއްލިފައިވަނީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ކްލަބްގެ ފަރާތުން ގޯސް ގިނަ ނިންމުންތަކެއް ނިންމާފައިވުމުންނެވެ. އެ ނިންމުތަކުގެ އަސަރު ބާސެލޯނާގެ ކުޅުމަށްވެސް ކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 8-2 ގެ ނަތީޖާއަކުން ބަލިވޮ މެޗު ފާހަގަކޮށްލެވެއެވެ. ބާޓޮމެއު ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާދިނުމަށް ގޮވާލި އަޑު ގަދަވެގެން ދިޔައީވެސް މިމެޗަށް ފަހުގައެވެ.

އަނެއްކޮޅުން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކްލަބުގެ މެނޭޖްމެންޓާއި ހިތްހަމަ ނުޖެހުމަކީވެސް ބާޓޮމެއު ކްލަބުގައި މަޑުކުރަން އިތުރު ހުރަސްތަކަށް ވެގެން ދިޔައެވެ. މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ ބާޓޮމެއުއެވެ. މެސީވަނީ އެކަން މީޑިއާއަށްވެސް ހާމަކޮށްދީފައެވެ.

ބާސެލޯނާގެ ނައިބު ރައީސްކަންވެސް ކޮށްފައިވާ ބާޓޮމެއު އެކްލަބުގެ ރައީސްކަމާއި ޙަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ރޮސެލް މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ