ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހު ވަގުތުކޮޅުގައި ޖެހި ދެލަނޑާއެކު ބަލިނުވެ ރެއަލްމެޑްރިޑް ސަލާމަތް ވެއްޖެއެވެ.
ބޮރަސިއާ ޕާކްގައި މޮންޗެންގްލަޑްބާޗާއި ރެއަލްމެޑްރިޑް ބައްދަލުކުރި މިމެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
ރެއަލްމެޑްރިޑުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ދެލަނޑުވެސް ޖެހީ މޮންޗެންގްލަޑްބާޗުންނެވެ. މިދެލަނޑުވެސް އެކްލަބަށް ކާމިޔާކޮށްދީފައިވަނީ މާކަސް ތުރާމްއެވެ. ދެލަނޑުގެ ލީޑަކާއެކު ކުރީގައި މޮންޗެންގްލަޑްބާޗަށް ލީޑު އިތުރަށް ފުޅާކުރުމަށް ރަނުގެ ފުރުޞަތެއް ލިބުނު ނަމަވެސް ފޯވާޑު ޕްލީއަށް ލިބުނު މިފުރުޞަތުގައި ހުރަހަކަށްވީ ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާއެވެ.
މެޗުގައި ރެއަލްމެޑްރިޑަށް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެންގޮސްފައިވާއިރު، ރެއަލްމެޑްރިޑުން ސުމެން ކަނޑުވާފައިވަނީވެސް މެޗުގެ 87 ވަނަ މިނަޓްގައެވެ. ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން މިލަނޑާއެކު ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ޖެހިޖެހިގެން 16 މުބާރާތެއްގައި ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށް އޭނާ ވަނީ ވެގެން ގޮސްފައެވެ.
⚪️ Karim Benzema becomes only the 2nd player in history to score in 16 consecutive Champions League seasons ????#UCL pic.twitter.com/0MrW2KMRA2
— UEFA Champions League (@ChampionsLeague) October 27, 2020
އަދި މެޗުގެ އިތުރު ވަގުތުގައި ކަސެމީރޯ ރެއަލްމެޑްރިޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ރާމޯސް ބޮލުން އޭރިއާ ތެރެއަށް ގޯލްގެ ކުރިމައްޗަށް ވައްޓާލަދިން ބޯޅަ އަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޒިދާން ބުނީ، ފަހު ވަގުތު މެޗުން އެއްވަރުވިނަމަވެސް އޭނާގެ ނަޒަރުގައި އެއީ ހިތްހަމަ ޖައްސާލެވޭނެކަމެއް ނޫންކަމަށެވެ. އަދި އިދިކޮޅު ޓީމު އަތްދަށުވި ނަމަވެސް ހާސްކަމެއް ނެތި މެޗުން އަރައިގަންނަށް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރެވޭކަމަށާއި، މިގޮތަށް މަސައްކަތް ކުރާނަމަ ކުރިއަށް އޮތް މެޗުތަކުން މޮޅުވާނެކަމާމެދު ޝައްކުވެސް ނުކުރެވޭކަމަށް ޒިދާން ބުންޏެވެ.
ޗެމްޕިއަންސް ލީގު މިސީޒަންގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން ރެއަލްމެޑްރިޑް އަދި މޮޅެއް ނުވެއެވެ. ފުރަތަމަ މެޗުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނެސްކްއަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ދެ މެޗުން ލިބުނު 1 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތީ ގްރޫޕްގެ ފުލުގައެވެ.



