ބައެއްގެ ފަރާތުން ލިބުނު ހާއްސަ ދައުވަތަކަށް ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން(ކައި)، މިދިޔަ ހޮނިހިރު ދުވަހު އޮންލައިން ޕްލެޓްފޯމް ޓިކްޓޮކާއި ގުޅިފައިވާއިރު، ދެތިން ދުވަސްތެރޭގައި އޭނަގެ ޓިކްޓޮކް ފްލޯވަރުންގެ އަދަދު ދިހަ ހާހުން މައްޗަށް އަރައިފިއެވެ.
މިހާ ކުޑަމުއްދަތެއްގެ ތެރޭގައި އެހާ ގިނަ ބަޔަކު ކައިއަށް ފްލޯކޮށްފައިވާއިރު، ކައިގެ ފުރަތަމަ ޓިކްޓޮކް ވީޑީއޯ، ދެ ލައްކައަށްވުރެ ގިނަ ފަަހަރު ވަނީ ބަލައިފައެވެ.
ޓިކްޓޮކްގައި "ކައިޒީންކައި"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކީ އޭނަގެ ރަސްމީ އެކައުންޓުކަން، އިންސްޓަގްރަމްގައި ހިއްސާކުރި ޕޯސްޓެއްގައި ކައި ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ޓިކްޓޮކްއާއި ގުޅުމަށްފަހު، އޭނައަށް ފޮލޯ ކުރުމަށް ކައި ވަނީ ފޭނުންގެ ކިބައިން އެދިފައެވެ.

ކައި ބުނީ އޭނާ ޓިކްޓޮކާއި ގުޅުނީ، ޓިކްޓޮކްގެ ސައުތު އޭޝިއަން ޓީމަކުން ދައުވަތު ދިނުމުންކަމަށެވެ.
ކައިގެ އިތުރުން، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް ވަނީ ޓިކްޓޮކާއި ގުޅި، އެމީހުންގެ ޓިކްޓޮކް އެކައުންޓުތައް ވެރިފައިވެފައެވެ.
އެގޮތުން، ފުރަތަމަ ރާއްޖޭގައި ޓިކްޓޮކް އައިޑީއެއް ވެރިފައިވުމުގެ ޝަރަފު ލިބިފައިވަނީ ފިލްމީ ތަރި އަލީ ސީޒަނަށެވެ. މީގެ އިތުރުން، ދިވެހި ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑްބޮޑު އެކްޓްރެސް މަރިޔަމް އައްޒަ އާއި އޭނަގެ އަދި އެކްޓަރ އަބްދުﷲ މުއާޒު(މުއާ)ގެ ޓިކްޓޮކް އެކައުންޓުވެސް ވަނީ ވެރިފައިކޮށްފިއެވެ.




