އަންހެން ޑްރައިވަރުގެ ކާރަށް ގެއްލުން ދިނުމުން ޖާބިރު ކަންބޮޑުވެއްޖެ

މާލޭގައި ޓެކްސީ ދުއްވަމުން އަންނަ ހަމަ އެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުން ދިނުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އައިންތު މިސްމީޑިއާގައި ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައި ވަނީ އައިންތު ޓެކްސީ ކުރާ ކާރު ޑްރަގްކޯޓު ކުރިމަތީ ޕާކް ކޮށްފައި އޮއްވާ ރޭ ވަނީ ބިއްލޫރިތައް ތަޅާލާފައިވާކަމަށެވެ.

މީއީ އައިންތު ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރި ތަޅާލި 5 ވަނަ ފަހަރު ކަމުގައިވެސް އައިންތު ވަނީ ބުނެފައެވެ. މީގެ ކުރިން އައިންތު ޓެކްސީ ކުރާ ކާރަށް އޭނާގެ ކުރީގެ ފިރިމީހާ ވަނީ ގެއްލުން ދީފައެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މި ރާއްޖޭގައި ހުންނަނީ އެންމެ އަންހެން ޑްރައިވަރެއް ކަމަށާއި ކޮންމެ ދުވަހުވެސް އެކަމަނާގެ ކާރު އެބަ ތަޅާ ކަމަށެވެ.

"ރޭގައިވެސް ކާރު ތަޅާލައިފި. ކާން ބޯން މަސައްކަތް ކުރަން އަންހެން ވެރިންނަށް ޑްރައިވަރުކަން ކުރަން މަނާ ކޮށްފައި ނޯންނާނެ. އެކަން ކުރާ ބަޔަކު ބަލަމުން ދާނެ. ގައުމުގެ ސަލާމަތާ ބެހޭ ބާރުތަކުން އެފަދަ ފަރާތްތައް ހައްޔަރު ކުރަން އަޅުގަނޑު ގޮވާލަން މި މަޖިލީހުގައި." ޖާބިރު ވިދާޅުވިއެވެ.

އެކަންކަން ކުރަމުންދާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅައި އެ ޑަރައިވަރުގެ ކާރު ކޮޅު ބެލެހެއްޓޭނެ އިންތިޒާމު ގައުމީ ސަލާމަތާ ބެހޭ ބާރުން ހަމަޖައްސަން ޖެހޭނެ ކަމަށާއި މި ވިޔަފާރިއަށް އަންހެން ވެރިން ނެރެން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި އަންހެން ބޭފުޅުން އަބަދުވެސް އެކި ކަންކަމުގައި އުޅުއްވާ. ވެދާނެ ފަހަރެއްގައި މި ރާއްޖޭގައި އަންހެން ވެރިން ވަކި ކަމެއް ކޮށްފައި އެކަމެއް ނުކުރަން ޖެހެނީ ކަމަށް. އެކަމެއް ނޯންނާނެ ގާނޫނު އަސާސީގައެއް. މިނިސްޓަރު މާރިޔާއަށާއި ޝެއިހް އިމްރާނަށާއި އަދި ރާއްޖޭގެ ޕޮލިސް ފޯސް، ޑިފެންސް ފޯސް އެކަމަނާގެ ސަލާމަތާއި ރައްކާތެރިކަމަށް ނިކުންނަން އަޅުގަނޑު ގޮވާލަން." ޖާބިރު ވިދާޅުވިއެވެ.

އައިންތު ބުނެފައިވަނީ މިހެން މިކަން ވުމުގެ ސަބަބުން އޭނާއަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފައި ކަމަށާއއި މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމުރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ މަލެ އިއްޒުއްދީން މަގު ތޮއިބާ މިސްކިތްކައިރީ ޕާކު ކޮށްފައި އޮތް ޓެކްސީއެއްގެ ވިންޑް ސްކްރީން ތަޅާލާ ގެއްލުން ދީފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށައެޅިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ