ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އޭނާ ދޫކޮށްލާފައި ވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެެވެ. އޭނާ ދޫކޮށްލާފައިވާކަން ފުލުހުން ވަނީ "ފެށުން"އަށް ކަށަަވަރުކޮށްދެއްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ފެށުން"އަށް ވިދާޅުވީ، ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައާގައި އިސްކޮށް ހަރަކާތްތެރިވި ކަަމަށް ތުހުމަތު ކުރެވޭ ޝަހީބްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެެވެ.
އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.



