ކ.ކާށިދޫ

ވަގަށް ނެގި ލެޕްޓޮޕާއި ޓެބްލެޓް ވިއްކާނުލެވެނީސް ވަގު ހައްޔަރުކޮށްފި

ކ.ކާށިދޫއިން ލެޕްޓޮޕަކާއި ޓެބްލެޓެއް ވަގަށް ނަގައިގެން ވިއްކާލަން އުޅެނިކޮށް ވަގު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކ. ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށްބުނެ މި މަހުގެ 25 ވަނަ ދުވަހު ކާށިދޫ ޕޮލިސް ސްޓޭޝަނަށް ހުޅަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އެ ގެއިން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ބައެއްތަކެތި ހޯދައި ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ވިއްކަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 30 ވަނަ ދުވަހުގެ ރޭ ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި  ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިމީހާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތީގެ ތެރެއިން ލެޕްޓޮޕަކާއި ޓެބްލެޓެއް ކާށިދޫ ގެއެއްގެ ވަލުފަރާތުގައި ފޮރުވާފައި ހުއްޓައި ފުލުހުން ވަނީ ހޯދާފައި." ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ