ދުނިޔޭގެ ތާރީޙުގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ކޮމެޑީ ޝޯ "ފްރެންޑްސް"އަކީ މަޖާ ސީރީޒެއް ނޫންކަމަށްބުނެ، މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެމެރިކާގެ ރައީސްކަމަށް ވާދަކުރާ ކާންޔޭ ވެސްޓް ޖޯކުޖަހައިފިއެވެ.
ކާންޔޭ މިހެން ބުނެފައިވަނީ، "ފްރެންޑްސް" ގައި "ރޭޗަލް" ގެ ކެރެކްޓަރ އަދާކުރި ކާމިޔާބު އެކްޓްރެސް ޖެނިފާ އެނިސްޓަން، ކާންޔޭއަށް ވޯޓު ނުލުމަށް އެމެރިކާގެ ރައްޔިތުންނަށް ގޮވާލުމާއި ގުޅިގެންނެވެ.
އެމެރިކާގައި 2020 އިލެކްޝަނަށް ކުރީބައިގައި ވޯޓު ލާ މަރުހަލާ މިހާރު ކުރިއަށްދާއިރު، ވޯޓު ލާ ފޮޓޯއަކާއެކު، ޖެނިފާ އޭނާގެ އިންސްޓަގްރަމްގައި ހިއްސާކުރި ފޮޓާއާއެކު ބޮޑު ކެޕްޝަނެއް ލިޔެފައިވެއެވެ. އެގޮތުން އެމެރިކާގެ މުސްތަޤުބަލަށް ރައީސަކު ހޮވުމުގައި އެންމެންވެސް ޒިންމާދާރުވުމަށް ޖެނިފާ އެދިފައިވެއެވެ. އަދި ކެޕްޝަން ނިއްމާލަމުން ޖެނިފާ ބުނީ، ކާންޔޭއަށް ވޯޓުލުމަކީ މަޖާކަމަކަށް ނުހެދުމަށެވެ.
މީގެ އިތުރުން، ޖެނިފާ ވޯޓުލީ، އޭނާ ސަޕޯޓުކުރާ ޑިމޮކްރެޓިކް ކެނޑިޑޭޓް، ޖޯ ބައިޑަންއަށް ކަމަށް އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ޖެނިފާގެ މި ޕޯސްޓާއެކު، މި ވާހަކަ ގެނެސްދީފައިވާ އާޓިކަލްއެއްގެ ސްކްރީންޝޮޓެއް ކާންޔޭ ވަނީ ޓްވީޓުކޮށްފައެވެ. އަދި ޖެނިފާ މަޝްހޫރުކަން ހޯދި ސީރީޒް "ފްރެންޑްސް" އަކީ އެއްވެސް ވަރަކަށް މަޖާ ސީރީޒެއް ނޫންކަމަށް ކާންޔޭ ވަނީ ބުނެފައެވެ. ނަމަވެސް މި ޓްވީޓް ކާންޔޭ ވަނީ ފަހުން ޑިލިޓްކޮށްފައެވެ.

ކާންޔޭ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށްފަހު، އޭނަގެ އަމަލުތައް ހުރިގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އޭނަގެ އަންހެނުން އަދި މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝިއަން ވަރިކުރަން އުޅޭކަމަށްބުނެ ވަނީ ޓްވީޓުތަކެއްވެސް ކޮށްފައެވެ. މިކަމަށް އޭނާ ފަހުން ވަނީ މައާފަށް އެދިފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބް އޮންނާނީ ނޮވެމްބަރުމަހު ތިން ވަނަ ދުވަހުއެވެ. މިފަހަރު އެމެރިކާގެ ރައީސްއާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީން ނިކުމެފައިވަނީ އެމެރިކާގެ ކުރީގެ ނާއިބު ރައީސް ޖޯ ބައިޑެންއެވެ.




