ފްރާންސްގެ ނީސްގެ ފައްޅިއެއްގައި 2 މީހަކު މަރާލައިފިއެވެ.
ނީސްގެ މޭޔަރ ކްރިސްޓިއަން އެސްޓްރޮސީ ބުނެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ނޮތްރޮދަމް ފައްޅި ކައިރީގައި ކަމަށާއި އަދި މި ހާދިސާ އަކީ ޓެރަރިސްޓް އެޓޭކްއެއް ކަމަށް ސިފަކުރައްވާފައި ވެއެވެ.
މި ހާދިސާގައި ފައްޅިއަށް އައި މީހަކު ކަރު ބުރިކޮށްލާފައިވާ ކަމަށާއި އަދި މި ހަމަލާދިން މީހާ ކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެސްޓްރޮސީ ބުނެފައިވާގޮތުގައި މި ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހާ "ﷲ އަކްބަރު" މިހެން ކިޔަމުން ދިޔަ ކަމަށެވެ.
މި ހަމަލާ ދީފައިވަނީ ކީއްވެގެން ކަން ފުލުހުން އަދި ބުނެފައި ނުވާއިރު ފްރާންސް ގައި މުސްލިމުން އަންނަނީ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރަމުންނެވެ. މި މުޒާހަރާތައް ފަށާފައިވަނީ އެ ގައުމުން ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައެވެ.
އެގޮތުން ފަރަންސޭސި ވިލާތުން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެކަން ކުއްވެރިކޮށް އެ ޤައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ބައެއް ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.



