ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބާސެލޯނާ އަދި ޔުވެންޓަސް ބައްދުލުކުރާ ދެވަނަ ލެގުގެ މެޗުގައި އަސްލު "ގޯޓު" - (ގްރޭޓެސްޓް އޮފް އޯލް ޓައިމް) ދައްކާލާނެކަމަށް ޔުވެންޓަސްއިން ބުނެފިއެވެ.
ބާސެނޯލާއާއި ޔުވެންޓަސްއާ ދެމެދު އޮތް ފޯރި ގަދަވެފައިމިވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މި ދެޓީމު އެއް ގްރޫޕަކަށް ލައްވާލާފައި އޮތުމުންނެވެ. ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ތަރި މެސީގެ ވާދަވެރި ރޮނާލްޑޯ އިދިކޮޅު ޔުވެންޓަސްގައި ހުރިއިރު މިދެކުޅުންތެރިން ބައްދަލުކުރާނެ މެޗަކަށް ދުނިޔެ އިންތިޒާރުކުރާތާ އެތަކެއް ދުވަހެއްވަނީ ވެފައެވެ.
2018 ވަނަ އަހަރު ރެއަލްމެޑްރިޑު ދޫކޮށް ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވިފަހުން މިދެކުޅުންތެރިން މެޗެއްގައި ބައްދަލުކޮށްފައެވެ. ޗެމްޕިއަންސް ލީގުގައި މިދެކުޅުންތެރިން އެންމެފަހުން ކުޅެފައިވަނީ 2010-11 ވަނަ ސީޒަންގައެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސް އަދި ބާސެލޯނާ ބައްދަލުކުރާ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު، ކޮވިޑް-19 އިން ރަނގަޅުނުވާތީ ރޭގެ މެޗުގައި ވާދަވެރި ރޮނާލްޑޯއަށް ކުޅެވޭގޮތްވަނީ ނުވެފައެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު ޑެމްބެލޭ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ މެސީއެވެ.

އަދި މެޗަށްފަހު ޔުވެންޓަސް ޓެގްކޮށް މެސީއަށް އިޝާރާތްކޮށް ބާސެލޯނާއިން ބުނީ، ޔުވެންޓަސްގެ ދަނޑުމަތިން "ގޯޓު" - (ގްރޭޓެސްޓް އޮފް އޯލް ޓައިމް) ފެނުމުގެ ނަސީބު ޔުވެންޓަސްއަށް ލިބުމުން އެކަމާ އުފާވާކަމަށެވެ.
ބާސެލޯނާގެ މިޓްވީޓަށް ޖަވާބު ދެމުން ޔުވެންޓަސްއިން ބުނީ، ބާސެލޯނާއިން ބެލި ޑިކްޝަނަރީ އަދި ރަނގަޅު ނޫންކަމަށާއި، ކޭމްޕްނޯގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް އަސްލު "ގޯޓު" - (ގްރޭޓެސްޓް އޮފް އޯލް ޓައިމް) ޔުވެންޓަސްއިން ގެންނާނެކަމަށެވެ.
މިމެޗުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރެޔެވެ.



