ފީޗާ ފިލްމު "ދައުވަތު"ގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ މަހުގެ 12 ގައި އޮލިމްޕަހުގައި އަޅުވާ ވީ މީޑިއާގެ މުނިފޫހި ގޮފިން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓިކެޓް އިއްޔެއިން ފެށިގެން ރޯދަ މަހުގެ ބާކީ މިއޮތް ދުވަސްތަކުގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 11:00 ހަމައަށް އޮލިމްޕަހުން ވިއްކާނެ އެވެ. އަދި ރަމަޟާން މަަހަށްފަހުގައި ހެނދުނު 10:00 އިން 11:00 އަށް އޮލިމްޕަހުން ޓިކެޓް ލިބެން ހުންނާނެ ކަމަށް ވީމީޑިއާގެ ޕްރޮޑަކްޝަން ޕޫލްގެ ހެޑް އަދި މަޝްހޫރު ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ވިދާޅުވިއެވެ.

100ރ އަށް ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، އޮލިމްޕަހުގައި 15 ޝޯ ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގައި ފިލްމު އަޅުވަން އެދޭ ވަރަކުން އެ އިންތިޒާމު ވެސް ހަމަޖައްސައި ދެއްވާނެ ކަމަށް ފިލްމުގެ ޕްރޮޑްކަޝަން ޓީމުން މަޢުލޫމާތު ދެއްވިއެވެ.

ލޯބީގެ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ދައުވަތު" އަކީ ސިހުރުހާހޫރައިގެ ސަބަބުން ކުރިމަތިވާ ކަންތައްގަނޑެއް ދައްކުވައިދޭނެ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މަރިޔަމް އައްޒަ އާއި އަލީ (ދޮން އައްޔަ) އާޒިމްގެ އިތުރުން އަހުމަދު (އާނަންދު) އީސަ އެވެ.

"ހަމަ ޔަގީނުން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ފިލްމަށް މި ފިލްމު ވާނެ. ވަރަށް ހިތްހަމަޖެހޭ މީގެ ޓީމުން ފިލްމަށް ކޮށްފައި އޮތް މަސައްކަތާ ދޭތެރޭ،" އޭނާ ބުންޏެވެ. "މި ފިލްމަށް ފަހު ވެސް ވީމީޑިއާ އިން ފިލްމުތައް ގެނެސް ދޭނެ."

"ދައުވަތު" އަކީ ޔޫއްޕެ ޑައިރެކްޓްކޮށް މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން ވެސް އޮލިމްޕަހުގައި ދެއްކީ އޭނާގެ ފިލްމެކެވެ. އެއީ "ނަފުރަތުވުމުން" އެވެ. ޔޫއްޕެގެ ޑައިރެކްޝަނަކަށް މި އަހަރު ފުރަތަމަ ގެނެސް ދިނީ "40+" އެވެ.

"ދައުވަތު" އަކީ މި އަހަރު އޮލިމްޕަސް ސްކްރީނަށް ގެންނަ ފަސް ވަނަ ފިލްމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ