ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އެމެރިކާގައި އަނެއްކާވެސް ރިކޯޑު އަދަދަކަށް އެއް ދުވަސްތެރޭގައި ކޮވިޑް-19 ގެ ކޭސްތައް ފެނިއްޖެއެވެ.
އެގޮތުން މިދިޔަ ބުރާސްފަތީގައި، އެމެރިކާއިން ގާތްގަނޑަކަށް 91000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެއާއެކު މިއީ އެއް ދުވަހެއްގެ ތެރޭގައި އެ ޤައުމުން ކޮވިޑް-19 ގެ އާ ކޭސްތަކެއް ފެނުނު ރިކޯޑު އަދަދެކެވެ.
އެމެރިކާއިން، ރެކޯޑު އަދަދަކަށް އެއް ދުވަސްތެރޭގައި މިހާ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ، އެމެރިކާގެ ރިޔާސީ އިންތިހާބުގެ "އާލީ ވޯޓިން" ނުވަތަ ކުރީ ބައިގައި ލާ ވޯޓުގެ މަރުހަލާ ފެށިފަހުން، ހަފްތާއަކަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
މީގެ ކުރިން އެމެރިކާއިން ރެކޯޑު އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، މި މަހުގެ 23 ގައި ގާގްގަނޑަކަށް 84،169 މީހުންނެވެ. އަދި މުޅި ދުނިޔެއިން ރެކޯޑު އަދަދަކަށް ކޮވިޑް-19 ގެ ކޭސްތަކެއް އެއް ދުވަސްތެރޭގައި ފެނިފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން ސެޕްޓެމްބަރު 17 ގައި 97,894 މީހުން އެ ގައުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
.މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 9,214,994 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 234,201 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.



