މަސްތުވާ ތަކެއްޗާއި އަދި ވައްކަމާއި ދެކޮޅަށް ނޮޅިވަރަމްގައި ވެސް އަޑުއުފުލައިފި

މަސްތުވާ ތަކެއްޗާއި އަދި ވައްކަމާއި ދެކޮޅަށް ހދ. ނޮޅިވަރަމްގައި ވެސް އަޑުއުފުލައިފިއެވެ.

ގާތްގަނޑަކަށް 100 ހާ ރައްޔިތުން ބައިވެރިވި މި ޙަރަކާތަކީ މުޅިން އާ ފެށުމެއްކަމަށާއި، އަދި ކުރިއަށް ތަނުގައި މަސްތުވާކެއްޗާއި ދެކޮޅަށް އިތުރު ޙަރާކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް މިނޫހަށް ވާހަކަ ދައްކަމުން ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު އާދަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނޮޅިވަރަމްގެ ތިން ޒުވާނަކު އިސްނަގައިގެން މަސްތުވާކެއްޗާއި ދެކޮޅަށް މަސައްކަތް ފަށާފައިވަނީ ރަށުގެ ގިނަ ޒުވާނުންތަކެއް މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ހަލާކުވަމުންދާކަން ފާހަގަކުރެވުމާއެކުގައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިވެސް ކުރިއާއި ޚިލާފަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިިރު، މަސްތުގެ ޙާލުގައި ޒުވާނުން ފެންނަ މިންވަރު އިތުރުވެފައިވާކަމަށްވެސް އޭނާ ވިދާޅުއެވެ.

އަދި އެރަށުގައި ވައްކަންވެސް އިންތިހާއަށް އިތުރުވެފައިވާއިރު، ރަށުގެ ދަނޑުތަކުންނާއި ގޭގެއިން ހަރުމުދާ ވަގަށް ނަގައި، ހެޔޮއަގުގައި އެމުދާ ރަށުތެރެއަށް ވިއްކަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދު ރަޝީދު އިތުރަށް ވިދާޅުވީ، އަންނަ ހަފްތާގައި ރަށު ކައުންސިލާއި ޖަމްޢިއްޔާތަކުން މިމައްސަލާގައި ފުލުހުންނަށް ބައްދަލުކޮށް މިކަމަށް ޙައްލެން ގެނައުމަށްޓަކައި ކުރެވެން އޮތް މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އަދި މިފަދަ ހަރަކާތެއް އެރަށުގައި ފެށުމުގެ މަޤްޞަދަކީ މަސްތުވާތަކެެއްޗަކީ ކިހާ ނުރައްކާތެރި ވަބާއެއްކަން ރަށުގެ ރައްޔިތުންނަށް އަންގައިދިނުންކަމަށާއި، މިއަދު މިކަމުން ސަލާމަތްވުމަށް މަސައްކަތްކޮށް ރަށުގެ މުސްތަޤުބަލް އުޖާލާކުރުމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް ރަށުގެ ކޮންމެ ރައްޔިތަކުވެސް ތެދުވުމަށް ހިތްވަރުދިނުންކަމަށްވެސް ނައިބު ރައީސް އަޙްމަދު ރަޝީދު އާދަމް ވިދާޅުވިއެވެ.

 

މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ ގިނަ ރަށްތަކެއްގެ ޒުވާނުން މިއަދު މިވަބާގައި ޖެހި ހަލާކުވެފައެވެ. ވައްކަމަކީ މަސްތުވާތަކެއްޗާއި ގުޅިގެން އުފެދޭ މައްސަލައެކެވެ. ނަމަވެސް އިސްނަގައި މިކަމާއި ދެކޮޅަށް ތެދުވަންކެރެނީ މަދު ބަޔަކަށެވެ. މިއަދު ނޮޅިވަރަމުން މިކަމާއި ދެކޮޅަށް ތެދުވެފައިވާއިރު މިހަފްތާގައި ށ. ފޭދޫއިންވެސްވަނީ މަސްތުވާކެއްޗަށް ނޫނެކޭ ބުނެ، މިސާލު ދައްކާފައެވެ. ސުވާލަކީ ތިޔަރަށުން މިވަބާއާއި ދެކޮޅަށް ނުކުންނާނީ ކޮންއިރަކުން ތޯއެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ