"ފަސްކުރި" މަސްދޯނި - ފޮޓޯ: ސަން

ހައިޖެކް ކުރި މަސްދޯނި ފަޅުވެރިންގެ ބިރުވެރި ވާހަކަތައް!

މަސްދޯނި ހައިޖެކް ކުރުމުގައި ވަޅިފަދަ ތޫނު އެއްޗެހިން ބިރު ދައްކާފައިވާފައިވާކަމަށް އެ ދޯނީގެ ފަޅުވެރިން ބުނެފައިއެވެ.

މިފަދައިން ފަޅުވެރިން ބުނެފައިވަނީ ފަސްކުރި ދޯންޏާއި ގުޅޭގޮތުން އެދޯނީގެ ވެރިމީހާ އިދުރީސް ހުސެއިން ނެރުނު ބަޔާނާއި ގުޅިގެން ދޯނީގައި ތިބި 22 ފަޅުވެރިންގެ ފަރާތުން ހާދިސާގެ ހަގީގަތް ހާމަކޮށް ނެރުނު ބަޔާނުގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ، އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ލ. ވަޑިނޮޅި ކައިރީގައި އެންދެމުގެ މަސައްކަތްގައި ތިއްބާ ދޯންޏަށް ދަނގަޑާއި، ވަޅި، ކަނޑި ފަދަ ތޫނު އެއްޗެއްސާއި އެކު އަރައި ދޯނީގައި ތިބި ފަޅުވެރިންނަށް ބިރު ދައްކައި، ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ލ. ގަމަށް ގެންދިއުމަށް ހިންގި ލާއިން އިންސާނީ ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ އިދުރީސް ހުސެއިންކަން ކަމަށާއި އިދުރީސް ހުސެއިން އާއި އެކު ދޯންޏަށް ތޫނު އެއްޗިއްސާއި އެކު 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.

ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮތްވާ ހޭލައްވައި، ދޯނި ސްޓާޓު ކޮށް ދުއްވުމަށް އަމުރު ކުރީ ވަޅި އާއެކު ތިބި ތިން މީހުން ކަމަށާއި އެތިން މީހުންގެ ތިބީ ވީލް ހައުސް ތެރޭ ކެޕްޓަންގެ ފުރަގަހުގައި ވަޅި ހިފައިގެން ކަމަށާއި އެމީހުން އެގޮތަށް އެންގި އިރު އިދުރީސް ހުސެއިން ވެސް ދޯނީގެ ވީލް ހައުސް ބޭރުގައި މަޑުކޮށްލައިގެން ހުރިކަމަށް ބުނެފައި ވެއެވެ. އަދި ދޯންޏަށް އެރި މީހުން އޭރު ހަޅޭލަވައި، ހުތުރު ބަހުން އެއްޗެހި ގޮވައި ފަޅުވެރިންނަށް ދިޔައީ ބިރު ދައްކަމުން ކަމަށާއި ބައެއް ފަޅުވެރިންގެ ގައިގައި ވަޅި ޖައްސައި އެކި ކަންކަން ކުރުމަށް ދިޔައީ އަމުރު ކުރަމުން ކަމަށް ބުނެފައިވެއެވެ.

"އެގޮތުން ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާއަށް ބިރު ދައްކައި، އަވަހަށް ސްޓާޓު ކުރުމަށް އަންގައި، "އަވަސް ކުރޭ، ނޫނީ މަ ތަޅާލާނަމޭ" ބުނެ ދިޔައީ ބިރު ދައްކަމުން. އަދި ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިށްކޮށް އަވަސް ކުރުމަށް އަންގައި ވަނީ ބިރު ދައްކާފައި. ދޯނީގައި ތިބި ފަޅުވެރިންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ވަނީ ހޫނު ފެން އަޅާފައި." މި ބަޔާނުގައި ބުނެފައިވެއެވެ.

ފަޅުވެރިންގެ ބަޔާނުގައި ބުނެފައިވާ ގޮތުން މި ހާދިސާ ހިނގަމުން ދިޔަ ވަގުތު އެހީއަށް އެދި އެއްވެސް ފަރާތަކަށް ގުޅާނެ ފުރުސަތެއް ދޯނީގައި ތިބި އެއްވެސް ފަޅުވެރިއަކަށް ލިބިފައި ނުވާ ކަމަށާއި ދޯނި ސްޓާޓުކޮށް ދުއްވަން ފެށުމުން ދޯންޏަށް އެރި މީހުން ދޯނީގައި ކާން ތިބީ ކޯއްޗެއްތޯ، ކޮފީ އެބަހުރިތޯ، ކަޕް ނޫޑްލްސް ހުރީތޯ އަހައި އެތަކެތި ދިނުމަށް ދިޔައީ އަންގަމުން ކަމަށާއި އެ ވަގުތު ދޯނީގެ ފަޅުވެރިއަކު ފާހާނާއަށް ދާން ޖެހޭ ކަމަށް ބުނެ ދޯނީގެ ފާހާނާއަށް ވަދެ ޖީބުގައި އޮތް ފޯނުން ސ. މީދޫގައި ހުންނަ ޕޮލިހުންގެ އިދާރާއަށް މައްސަލަ ރިޕޯޓުކޮށް ހާދިސާގެ މައުލޫމާތު ހިއްސާކުރީ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަޅުވެރިންނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުންވެސް އެހީތެރިކަމެއް ލިބިފައި ނުވާކަމަށާއި ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވައްދާފައިވަނީ އެރޭ ދަންވަރު 3 ޖަހާކަށް ހާއިރު ކަމަށެވެ.

"ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާން ވަނީ ކަނޑަށް އުކާލާފައި. ދޯނި ލ.ގަމު ބަނދަރަށް ކައިރި ކުރިއިރު ފުލުހުންގެ ބަޔަކު ބަނދަރުގައި ތިބި. ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުން ވަނީ ފުލުހުންގެ ކުރިމަތިން ފައިބައިގެން ގޮސްފައި. އޭގެ ތެރޭގައި އިދުރީސް ހުސެއިންވެސް ހިމެނޭ. ފުލުހުން އެމީހުން ފޮނުވާލީ އެމީހުންގެ ނަން ނޯޓު ކުރުމަށްފަހު. އަދި އޭގެ ފަހުން ދޯންޏަށް ފުލުހުން އަރައި، މައުލޫމާތު އޮޅުން ފިލުވައި ދޯނި ރަހީނު ކުރުމަށް އައި މީހުން ދޯންޏަށް އެރުވި ދަނގަޑާއި ތޫނު އެއްޗެހިތައް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ." ބަޔާނުގައި ބުނެފައިވެއެވެ.

މިހާދިސާގެ ތަހްގީގަށް ހެނދުނު 9 ޖެހި އިރު ބަޔާން ނެގުމަށް ދޯނީގެ ކެޕްޓަނާއި އެކު 2 މީހަކު ލ. ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށާއި އަދި އެ 3 މީހުންގެ ބަޔާން ނެގުމަށް ފަހު އިތުރު ދެ ފަޅުވެރިއަކު ބަޔާން ނެގުމަށް ލ. ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށާއި ޖުމްލަ 5 ފަޅުވެރިއެއްގެ ބަޔާން ލ. ގަމު ޕޮލިސް ސްޓޭޝަނުން ނެގިކަމަށް ބުނެފައިވެއެވެ. ފަހުން ގެންދިޔަ ދެމީހުންގެ ބަޔާން ނެގުމަށް ފަހު ދޯނި ފުރައިގެން ދިއުމަށް ގަމު ޕޮލިސް ސްޓޭޝަނުން ކެޕްޓަނަށް ފޯނުން އެންގި ކަމަށާއި ނަމަވެސް ދޯނި އާއި އެކު ފުރައިގެން ދެވޭނެ މާހައުލެއް ނެތްކަމަށް ކެޕްޓަން ފުލުހުން ގާތު ވަނީ ބުނެފައި ކަމަށް ބަޔާނުގައި ވެއެވެ.

އަދި ބަޔާނުގައި ބުނެފައިވަނީ، ދޯނި ލ. ގަމު ބަނދަރަށް ކައިރި ކުރި ހިނދުން ފެށިގެން ދޯނި ކައިރީ އިދުރިސް ހުސެއިންގެ މީހުން ދިޔައީ ހަރަކާތްތެރިވަމުން ކަމަށާއި ދޯނި ދޫކޮށް ފޭބުމަށް އޭރުވެސް އެމީހުން ދިޔައީ އަންގަމުން ކަމަށާއި ހަވީރު 5 ގެ ކުރިން ދޯނިން ނުފާބައިނަމަ "ކޮށާލާނެ" ކަމަށް ބުނެ ދިޔައީ އިންޒާރު ދެމުން ކަމަށެވެ. އެ މީހުން އެފަދަ އިންޒާރު ދެމުން ދިޔައިރުވެސް ފުލުހުން އެތަނުގައި ތިބި ކަން ފާހަގަ ކުރާ ކަމަށާއި ދޯނީގެ ފަޅުވެރިންނަށް ރައްކާތެރި މާހައުލެއް ނެތުމުން އެހީއަށް ފުލުހުން ގާތު އެދުނު ކަމަށް ބުނެފައިވެއެވެ.

"އެގޮތުން ފުރައިގެން ރަށައް ދެވޭނެ އިންތިޒާމް ކުމަށް ފަޅުވެރިން ފައިސާ ދޭ ގޮތަށް އުނޅަދެއް ހޯދައި ދިނުމަށް ފުލުހުން ގާތު އެދުނިން. ނަމަވެސް އެކަމެއް ފުލުހުން ކޮށްދީފައި ރަހީނު ކުރި އިރުން ފެށިގެން ނަފްސާނީ ބިރުވެރިކަމެއްގައި ތިބި ފަޅުވެރިންނަށް އިތުރު ބިރުވެރިކަމެއް ލިބުނީ ކުއްލިއަކަށް އަނެއްކާވެސް އިދުރީސް ހުސެއިންގެ ފަރާތުން ބަޔަކު ދޯންޏަށް އެރުމުން. ހަވީރު 5 ޖެހި އިރު އިދުރީސް ހުސެއިންގެ މީހުން ވަނީ ދޯންޏަށް އަރައި ދޫކޮށް ދިއުމަށް އަންގާފައި. އަދި ދޯނިން އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމަށް ދޯންޏަށް އެރި މީހުން ފަޅުވެރިންނަށް އެންގި." ފަޅުވެރިން ބުނެފައިވެއެވެ.

އެންމެން ދޯނި ދޫކޮށް ގޮތް ހުސްވެފައިވާ ފަޅުވެރިންނަށް އެއްވެސް ފަރާތަކުން އެހީއެއް ނުލިބި ހާލުގައި ތިއްބާ ލ. ގަމު ދޯންޏެއް ކަމަށްވާ "ފަހިމަގު" ކެޕްޓަނާއި ދިމާވެ އެމީހުން ދޯނިން ލ. ހިތަދޫއަށް ގެންގޮސް ދިނުމަށް ފަޅުވެރިން އެދުމުން "ފަހިމަގު" ދޯނީގެ ވެރިޔާ ވަނީ ދޯނީގެ ފަޅުވެރިން އެއްވެސް އުޖޫރައެއް ނެތި ލ. ހިތަދޫއަށް ގެންގޮސްދީފައި ކަމަށާއި މިއީ ރަހީނު ކުރި ހާދިސާއަށް ފަހު ފަޅުވެރިންނަށް ލިބުނު އެންމެ ބޮޑު އެހީތެރިކަން ކަމަށް ބުނެފައިވެއެވެ.

"ރަހީނު ކުރި ޓެރަރިސްޓް ހަމަލާއަށް ފަހު އިދުރީސު ހުސެއިން ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި، ސުލްހަވެރިކަމާއި އެކު ދޯނި ހޯދީކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ބުހުތާނު ދޮގު. އަދި ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށައް ފުރުވާ ދިނުމުގައި އެހީތެރިކަން ދިން ކަމަށް ބުނެ ހަދާފައިވަނީ ކަނޑައެޅިގެން ދޮގު. އަދި ދޯންޏަށް ތޫނު އެއްޗެއްސާއި އެކު ނާރާކަމަށް ބުނި އިރު މި މައްސަލައިގެ ތަހްގީގަށް ފުލުހުން ދޯނިން ގެންދިޔަ ތޫނު އެއްޗެއްސަކީ އިދުރީސް ހުސެއިން އާއި އެކު ގޮސް ދޯންޏަށް އެރި މީހުން ގެންދިޔަ ތަކެތި. މި ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މަސްވެރި އުޅަނދަކަށް ތޫނު އެއްޗެއްސާއި އެކު އަރައި ބަޔަކު ރަހީނުކޮށް ހިންގި އެންމެ ލާއިންސާނީ އަމަލު ކަމަށާއި މި މައްސަލަ ކަމާއި ބެހޭ އިދާރާތުން ތަހުގީގު ކުރުމުގައި ލަސްވުމަކީ ދިވެހި އެންމެހާ މަސްވެރިންނަށް ލިބިގެންދާ ބިރުވެރި އިންޒާރެއްކަމަށް ދެކޭ ކަމަށާއި މި މައްސަލަ އަވަހަށް ތަހުގީގުކޮށް ދޯންޏަށް ހަތިޔާރާއި އެކު އަރައި ފަޅުވެރިން ރަހީނުކުރި އެންމެންނަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށް ފަޅުވެރިން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ