ފުރާންސުގައި ކެތަލިކް ފާދިރީއެއްގެ ގަޔަށް ބަޑިޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ފާދިރީއަށް ހަމަލާދީފައިވަނީ ފުރާންސުގެ ސިޓީއެއް ކަމަށްވާ ލިއޮންގައެވެ. އަދި މި ހަމަލާދިން މީހާ ފިލައިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުރާންސުގެ އިންޓީރިއާ މިނިސްޓްރީއިން މިހާދިސާއާއި ގުޅިގެން ބުނެފައިވަނީ، ހަމަލާދިން ސަރަހައްދުގައި ސަލާމަތީ ފަރާތްތަކާއި އަދި ކުއްލި ހާލަތުގައި ފަރުވާދޭ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މީގެއިތުރުން އާންމު ރައްޔިތުން ހަމަލާދިން ސަރަހައްދާ ދުރުގައި ތިބުމަށްވެސް އެ މިނިސްޓްރީންވަނީ އެދިލައްވައިފައެވެ.

ފާދިރީއަށް ހަމަލާދީފައި މިވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ފުރާންސުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނައިސްގެ ފައްޅިއެއްގައި ވަޅިން ހަމަލާދީ ތިންމީހުން މަރާލައިފައިވަނިކޮށެވެ. ފުރާންސުގެ ރައީސް މި ހަމަލާ ސިފަކޮށްފައިވަނީ މުސްލިމުން ދީފައިވާ ނިރުބަވެރި ހަމަލާއެއްގެ ގޮތުގައެވެ. މި ހަމަލާއާއި ގުޅިގެން ފުރާންސުންވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފައެވެ.
ފުރާންސުގައި ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ނިސްބަތްކޮށް ކާޓޫން ކުރަހައި އަދި މިކަމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެގައުމުގެ ސަރުކާރުން ބުނެ ހިނގަމުން އަންނަ އަމަލުތަކާއި ގުޅިގެން އެގައުމުގެ އެކިކަންކޮޅުތަކުގައި މިފަދަ ހަމަލާތައްދޭ އަދަދުވަނީ އިތުރުވެފައެވެ. ނަމަވެސް މި ހަމަލާތަކުގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން މިވީހާތަނަށް އުފުލައިފައެއް ނުވެއެވެ.



