ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އެއް މިލިއަނަށް އެރުމުން އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން އެ ޤައުމު އަލުން ލޮކްޑައުންކުރުމަށް އަމުރުކޮށްފިއެވެ.
މިކަން އިއުލާންކުރީ ޕްރައިމް މިނިސްޓަރ ކުއްލި ގޮތަކަށް ބޭއްވި ނިއުސް ކޮންފަރެންސެއްގައެވެ. އެގޮތުން ލޮކްޑައުން ކުރަން ނިއްމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޑިސެމްބަރު މަހު 2ގެ ނިޔަލަށެވެ.
އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1,011,660 އަރާފައިވާއިރު، ދުވާލެއްގެ މައްޗަށް އެ ޤައުމުން ވިހި ހާހަށްވުރެ ގިނަ ކޮވިޑް-19 ކޭސްތައް ފެންނަމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން މި ބަލީގައި އެ ޤައުމުން މަރުވާ މީހުންގެ އަދަދު 80000 އަށް އަރާފައިވާނެކަމުގެ އިންޒާރު ސައިންސްވެރިން ވަނީ ދީފައެވެ.
ޕްރައިމްމިނިސްޓަރ ވިދާޅުވީ، 4 ހަފްތާގެ ލޮކްޑައުންއަކަށް އަލުން ދާއިރު، އެ މުއްދަތުގެ ތެރޭގައި ޒަރޫރީ ބޭނުމަކަށް ފިޔަވާ އެއްވެސް މީހަކު ގެއިން ބޭރުގައި އުޅުން މަނާވާނެކަމަށެވެ. އެގޮތުން ރެސްޓޯރެންޓް ތަކާއި، ސިނަމާތައް ފަދަ ބޭނުންތެރި ނޫން ތަންތަން ބަންދުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޔޫކޭގައި ކޮވިޑް-19 ގައި މިހާތަނަށް މަރުވެފައިވަނީ، 46,555 މީހުންނެވެ.




