އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިވާ އިންޑިއާއަށް ދަތުރުކުރުމުގައި ދިވެހިންނަށް އަނެއްކާވެސް ލުއިތަކެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށްފަހު، ދިވެހި ވިޔަފާރިވެރިންނާއި، ކިޔަވާ ކުދިންނަށް އިންޑިއާއަށް ދިޔުމަށް ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އިންޑިއާ ސަރުކާރުން އަންގާފައިވާކަމަސެވެ.
މިހާރުވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ވިޔަފާރިއާއި ތައުލީމުގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ކޮންސިއުލަރ ޑިޕާޓްމަންޓް މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޚާއްސަ ހުއްދަ ހޯދުމަށްފަހު، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ ޓްރެވަލް ބަބްލް ތެރެއިން ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރަށާ ޚާރިޖީ ވަޒީރަށް ޝުކުރު އަދާ ކުރައްވާފައެވެ.



