ކޮވިޑް-19އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ. އެ ގާނޫނުގެ ދަށުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވައި ޖެހެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން އީސީގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވީ، އީސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ފުއާދު ވިދާޅެއް ނުވެއެވެ.
"ލޯކަލް ކައުންސިލް އިންތިހާބު މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ކަނޑައެޅިފައި އޮއްވައި ކޮވިޑުގެ ހާލަތުގެ ސަބަބުން ލަސްކުރީ، ލަސްކޮށްފައި މިހާރު އަޅުގަނޑުމެން މި އުންމީދުކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ. އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ދާނެ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވީ، ކުރިން ބާއްވާ އިންތިހާބުތަކާއި ހިލާފަށް ކޮވިޑް-19 އާ ގުޅިގެން ބަދަލުތަކެެއް އަންނާނެ ކަމަށާއި، އެގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދީއްތަ ދުވަހުން ފެށިގެން ކެމްޕޭނު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންއާ އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.



