އާރިމްގެ ދެލޮލުން ޒޫނާއަށް ފެނުނީ ކަންބޮޑުވުމެވެ. ނަޝާއާމެދު އާރިމް އަޅާލާކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޒޫނާއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެ އަޅާލުމަކީ ރަޙުމަތްތެރިޔަކާމެދު އަޅާލާ އަޅާލުމަށްވުރެ ގާތް ގުޅުމެއްކަން މިއަދު ޒޫނާއަށް ޔަޤީންވެއްޖެއެވެ. ނަމަވެސް އާރިމް އުޅެނީ މީހަކާ އިންނަންކަންވެސް ޒޫނާއަށް އެނގެއެވެ. އަދި ނަޝާއަކީ މީހަކާ އިނދެ، ހުވަފަތްވެ، މަންމައަކަށް ވާން ތައްޔާރުވެފައި އިން ކުއްޖެކެވެ. ކޮންމެގޮތެއްވިޔަސް ޒޫނާވެސް ނަޝާއަށް ރަނގަޅު ގޮތެއް ފެންނަން ބޭނުންވެޔެވެ. މިހާރު އެ އަންހެންކުއްޖާ އެވަނީ މީހެއްގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. ނަމަވެސް އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށްލާކަށް އޭނާވެސް ނޭދެއެވެ.
އެދުވަހަށް ފަހު ނަޝާ އިންނަނީ ނެގި މަޑުވެފައެވެ. މީހުންނާ ވާހަކަދައްކަނީ މަދު ފަހަރަކުއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. އެކަމާ އާރިމް ވަރަށް ދެރަވިއެވެ. އޭނާ ކޮންމެ ދުވަހަކު އެއްފަހަރު ނަޝާގެ ޙާލު ބަލާލަން އެގެއަށް ދެއެވެ. ނަމަވެސް ކިތަންމެ ވަރަކަށް ވާހަކަ ދެއްކިނަމަވެސް ނަޝާގެ އަޑު އިވެނީ މަދު ފަހަރަކުއެވެ. ޒޫނާވެސް އެކި ގޮތްގޮތަށް ނަޝާއަށް ހިތްވަރުދީ، ނަސޭޙަތްދީ ހަދައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާރިމް އޮފީހުން އައުމަށްފަހު ފެންވަރާލައިގެން ނަޝާ ކައިރިއަށް ދިޔައެވެ. އެވަގުތު އެގޭގައި އުޅެނީ ނަޝާ އެކަންޏެވެ. ޒޫނާ ވީ ދެކުދިން ގޮވައިގެން ޕާކަށް ގޮހެވެ. އެގޮތަށް އެންމެން ބޭރަށް ދާއިރުވެސް ނަޝާއެއް ނުދެއެވެ. ނަމަވެސް އެދުވަހު އާރިމް އެތައް އާދޭހެއް ކޮށްގެން ނަޝާ ބޭރަށް ގޮސްލަން އެއްބަސްވިއެވެ. ސައިކަލުގައި މަޑުމަޑުން ދުއްވާފައި އާރިމް ނަޝާ ގޮވައިގެން ދިޔައީ ރަސްފަންނަށެވެ. އެވަގުތަކީ އެ ސަރަޙައްދުގައި ގިނަ ޢަދަދަކަށް ބޮޑެތި މީހުންނާއި ކުޑަކުދިން އެއްވެފައި އޮތް ވަގުތެކެވެ. ސައިކަލް ޕާކުކޮށްފައި އާރިމް ރަނގަޅަށް ދެކޮޅު ބަލާލުމަށްފަހު މީހުން ތަންކޮޅެއް މަދު ދިމާއެއްގައި ހުރި ޖޯލިފައްޗެއްގައި އިށީނދެލިއެވެ. ނަޝާވެސް މަޑުމަޑުން ގޮސް އާރިމްއާ ޖެހިގެން އެއް ޖޯލި ދޫކޮށްފައި އިށީނެވެ.
"ނަޝާ ވިހަންވާއިރަށް ޔާސީންގެ ގޭ އެއްވެސް މީހެއް ނާދޭތަ؟" ފުރަތަމަ ވާހަކަ ދެއްކީ އާރިމްއެވެ.
"ހޫމްމްމް" އާދައިގެ މަތިން ނަޝާގެ ޖަވާބު ކުރެވެ.
"އެއީ ކީއްވެ؟ ތި ބޭބީއަކީ އެމީހުންގެވެސް ލެޔެއްނު؟" އަނެއްކާވެސް އާރިމް ސުވާލުކޮށްލިއެވެ.
"އެންމެންވެސް ބިޒީ." މާޔޫސްކަމާއެކު ނަޝާ ޖަވާބުދިނެވެ. އޭރު އޭނާ އިނީ ދުރުން ފެންނަމުންދިޔަ މޫދުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. މިއަދު އޭނާގެ އެއްވެސް މީހެއް މިދުނިޔެ މައްޗަކު ނެތެވެ.
"ނަޝާ!" ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުންވެފައި އިންފަދަ ރާގަކަށް އާރިމް ގޮވާލިއެވެ. އެވަގުތު ނަޝާ އާރިމްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
"މާދަން އަހަންނާއި ރަނާގެ އެންގޭޖްމެންޓް އޮންނާނެ. އަންނަ މަހު ކައިވެނިކުރަން އޮތީ ހަމަޖެހިފަ.... ނަޝާ ބުނެބަލަ! އަހަރެން ދެން ހަދާނީ ކިހިނެއް؟ ވިސްނާ ވިސްނާ ގޮސް ބޯ ގޮވައިފި. ރަނާ ދެކެ ލޯބިވެވޭތޯ އަހަރެން ވަރަށް މަސައްކަތްކޮށްފިން. އެކަމަކު އެކަން ކާމިޔާބުވާގޮތެއް ނުވި. އަހަންނަށް އެހެން މީހަކު ދެކެ ލޯތްބެއް ނުވެވޭނެ." އާރިމް ވާހަކަދެއްކި އިރު އޭނާގެ ހިތުގެ ރިހުން، އަޑުންވެސް ރަނގަޅަށް ހާމަވެއެވެ.
"އަހަރެން ދެން ކިހިނެއް ހަދާނީ؟" ޖަވާބަކަށް އެދި އާދޭސްކުރާފަދަ ރާގެއްގައި އާރިމް އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.
އެވަގުތު ނަޝާއަށް އާރިމްގެ ލޮލަށް ބަލަން ކުޅަދާނަ ނުވެގެން ދުރު ބަލަންފެށިއެވެ. އާރިމް އޭނާ ދެކެ ވާ ލޯބި މިހާރު އޭނާއަށް އޮޅިފައެއް ނެތެވެ. ނަމަވެސް އެކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ރަނާ އާރިމްދެކެ ލޯބިވެއެވެ. އެ ލޯބި ރަނާގެ ލޮލުން ނަޝާއަށްވަނީ ވަރަށް ސާފުކޮށް ފެނިފައެވެ.
"މައްސަލައެއް ނެތް ނަޝާ އަހަރެންގެ މީހަކަށް ނުވިޔަސް. އެކަމަކު ވިހައިގެން ނަޝާ މިކޮޅުގަ މަޑުކޮށްދޭންވީނު. އޭރުން ނަޝާއާ ބޭބީގެ ޙާލު ބަލަން އަހަންނަށް ފަސޭހަވާނެ. ނަޝާ ކިތަންމެ ދެކޮޅު ހެދިޔަސް އަހަރެން ނަޝާގެ ޙާލު ބެލުމާއި އެހީވުމެއް ނުހުއްޓާނަން. ނަޝާ ރަށަށް ދިޔަޔަސް އަހަރެން އެކަން ކުރާނަން." އާރިމް އެންމެ ފަހުގެ ނިންމުން ނަޝާއަށް އިއްވިއެވެ.
ޖެހިގެން އައި ދުވަހު އާރިމްއާއި ރަނާގެ އެންގޭޖްމެންޓް ޙަފްލާ އާރިމްގެ ގޭގައި އޮތެވެ. އެ ޙަފްލާގައި ރަން ކިޔުމާއި ކައިވެނީގެ ފޯރމު ފުރުން ކުރިއަށް ގެންދިއުމަށް އޮތީ ހަމަޖެހިފައެވެ. އެ ޙަފްލާގައި ބައިވެރިވުމަށް ދަޢުވަތު ދެވުނީ ދެފަރާތުގެ ޢާއިލާގެ މެމްބަރުންނަށާއި އެންމެ ގާތް ރަޙުމަތްތެރިންނަށެވެ. އާރިމް ވަރަށް އާދޭސްކޮށްގެން ނަޝާއާއި ޒޫނާވެސް އެ ޙަފްލާގައި ބައިވެރިވުމަށް އަޔެވެ. ނަޝާ ފެނުމާއެކު އާރިމްގެ މިލާފައިވާ މޫނު ކުއްލިއަކަށް އުޖާލާވެގެން ދިޔައެވެ. އޭނާ ހުރިހާކަމެއްގައި ބައިވެރިވަމުން ދިޔައީ މަޖުބޫރުވެފައިވާ މީހަކުފަދައިންނެވެ.
"މަންމާ! މިއީ ނަޝާ. އަހަރެންގެ ރައްޓެއްސެއް." އާރިމް މަންމައަށް ނަޝާ ތަޢާރަފްކޮށްދިނެވެ.
"މިއީތަ ޔާސީންގެ އަންހެނުން؟" ނަޝާގެ ބޮޑު ބަނޑާ ދިމާއަށް ބަލާލާފައި ހިނިތުންވެލަމުން އާރިފާ ސުވާލުކޮށްލިއެވެ. ނަޝާގެ މަންމަ މަރުވި ރޭ އާރިމް ދިޔަ ތަނެއް ނޭންގިގެން އާރިފާއާއި ސިރާޖު ސުވާލުކުރުމުން އާރިމް ވަނީ ކޮންމެވެސް ވަރަކަށް ނަޝާގެ ވާހަކަ އެމީހުންނަށް ކިޔައިދީފައެވެ.
އެ ސުވާލުގެ ޖަވާބުގައި ބުނާނެ އެއްޗެއް އެވަގުތު ނަޝާގެ ދުލަކަށް ނަޔެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ އާރިމްއާ ދިމާއަށް ބަލާލުމެވެ. އޭރު އާރިމްވެސް ހުރީ ނަޝާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ތިހެން ކޮޅަށް ނުހުރެ ދޭ އަވަހަށް އެއްޗެއް ކާލަން." ނަޝާގެ ކޮނޑުގައި ފިރުމާލަމުން ދެންވެސް ވާހަކަދެއްކީ އާރިފާއެވެ. އެވަގުތު ރަނާވެސް އެތަނަށް އަޔެވެ. އަދި ނަޝާގެ އަތުގައި ހިފައިގެން ކާ އެއްޗެހިތައް އަތުރާފައި ހުރި މޭޒާއި ދިމާއަށް ދިޔައެވެ. އާރިމްވެސް މަޑުމަޑުން އެމީހުންގެ ފަހަތުން ދިޔައެވެ.
ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. އާރިމް އިނީ އޮފީހުގައި އޮތް މުހިންމު މީޓިންގއެއްގައެވެ. އެހެންއިންދާ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ނަގާ ބަލާލިއިރު ގުޅަނީ ޒޫނާއެވެ. ކޮންމެވެސް ބޮޑު ކަމެއް ޖެހިގެން ނޫނީ ޒޫނާ ނުގުޅާނެކަން އާރިމްއަށް އެނގެއެވެ. އެހެންކަމުން ފޯނު ކަނޑާލާފައި، އިހަށް ކުރިއަށް ދިޔަ މީޓިންގ މެދުކަނޑާލިއެވެ. އަދި އެއަށްފަހު މީޓިންގ ރޫމުން ބޭރަށް ނުކުމެފައި ޒޫނާއަށް ގުޅާލިއެވެ.
"އާރިމް! ނަޝާ ބަނޑުގަ ރިއްސާތީ ހެނދުނުއްސުރެ ހޮސްޕިޓަލުގަ މިއުޅެނީ. ނަޝާ ބުނި އާރިމްއަށް ނާންގާށޭ. އެކަމަކު ނަޝާއާ ބޭބީގެ ޙާލު ވަރަށް ދެރަކަމަށް ދެންމެ ޑޮކްޓަރު ބުނެފި. ދައްތައަކަށް ނޭނގުނު ދެން ގުޅާނެ އިތުރު މީހެއް." ފޯނު ނަގާފައި ވަރަށް ހާސްވެފައިވާ އަޑަކުން ޒޫނާ ވާހަކަދައްކަން ފެށިއެވެ.
އެވަގުތު އާރިމްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަސްއަވަހަށް އޮފީހުން ނުކުންނަން ހަލުވިކޮށް ހިނގައިގަތެވެ. އާރިމް ނުކުންނަން ދިޔަ ތަން ސިރާޖަށްވެސް ފެނުނެވެ. އެވަގުތު ސިރާޖު އާރިމްގެ ފޯނަށް ގުޅަންވެސް ގުޅިއެވެ. ނަމަވެސް އާރިމް ފޯނު ކަނޑާލީއެވެ. އަދި ސައިކަލަށް އަރާ ދުއްވުނު އެންމެ ބާރަކަށް ހޮސްޕިޓަލާ ދިމާއަށް މިސްރާބު ޖެހިއެވެ. ހާސްވެފައި އިންވަރުން އޭނާގެ ނިތްކުރިންވެސް ދާހިއްލަން ފެށިއެވެ. ސައިކަލު މަތީގައި އިންއިރުވެސް ހިތާ ހިތުން ދުޢާކުރެވެމުންދިޔައީ ނަޝާއާއި ނަޝާގެ ދަރިފުޅަށް ދެރަގޮތެއް ނުވުމަށެވެ.
ކަރުގައި އޮތް ޓައީގެ ގޮށް ދޫކުރަމުން އާރިމް ހަލުވި ހިނގުމެއްގައި ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. ހާސްވެފައި ހުރެގެން ވިއްސާ ކޮޓަރި ކައިރިއަށް ދިޔައިރު އެތަނުގެ ބޭރުގައި ހުރި ގޮނޑި ބަރިއެއްގައި ޒޫނާ އިނެވެ.
"ދައްތާ! މިހާރު ކޮބާ ނަޝާ؟" ކަންބޮޑުވުން އެކުލެވޭ ރާގަކަށް އާރިމް ސުވާލުކޮށްލިއެވެ.
"ނަޝާގެ ބްލަޑް ޕްރެޝަރ ވަރަށް ބޮޑަށް މަތިވި ވާހަކަ ޑޮކްޓަރު ބުނުއްވި. ބޭބީގެވެސް ވިންދު ދަށްވާތީ އޮޕްރޭޝަން ކުރަންށޯ ޖެހޭނީ." ޒޫނާ ވާހަކަ ދެއްކިއިރު ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.
ވިއްސާ ކޮޓަރިން ނަރުސް ކުއްޖަކު ނުކުތީ އެވަގުތުއެވެ. އަދި ނަޝާގެ އެހީތެރިއަކަށް ގޮވާލިއެވެ. އެވަގުތު ޒޫނާއާއި އާރިމްއަށް އެކުއެކީގައި އެދިމާއަށް ހިނގައިގަނެވުނެވެ.
"މިހާރު ޕޭޝަންޓް އޮޕަރޭޝަންކުރަން ގެންދަން މިއުޅެނީ. ފަހަރެއްގާ ބޭބީ ނަގާ ގޮތަށް ނާސަރީއަށް ލާންޖެހިދާނެ. ބޭބީއާ މަންމަގެ ޙާލުވެސް ވަރަށް ނާޒުކު." ނަރުސްކުއްޖާ ތަފްސީލު ދިނުމަށްފަހު އަނެއްކާ އެތެރެއަށް ވަނެވެ.
އެވަގުތު އާރިމްއަށްވެސް އަދި ޒޫނާއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އެކަކު އަނެކަކަށް ހިތްވަރު ދިނުމުގެ ގޮތުންވެސް ބުނާނެ ލަފްޒެއް ދުލަކަށް ނަޔެވެ. އިރުކޮޅެއް ފަހުން ސްޓްރެޗަރއެއްގައި ނަޝާ ބޭރަށް ނެރުނެވެ. އޭރު އޭނާގެ ދެލޯ އޮތީ މެރިފައެވެ. މޫނުމަތިން ފެންނަންހުރީ ވަރުބަލިކަމެވެ.
(ނުނިމޭ)



