ކޮވިޑަށްފަހު އެނބުރިއައި މެޗުގައި ރޮނާލްޑޯގެ ދެ ލަނޑު

އިޓާލިއަން ސެރީއާގައި ރޭ ސްޕެޒިއާ އަދި ޔުވެންޓަސް ބައްދަލުކުރި މެޗު ފަޞޭޙަކަމާއެކު ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ.

ސްޕެޒިއާ ދަނޑުގައި ކުޅެވުނު މިމެޗުގައި ޔުވެންޓަސް ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ޔުވެންޓަސްއިން ކުރީކޮޅު ލީޑު ނެގިއެރު، 14 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ މެކްކެނީ ހުރަސްކޮށްދިން ބޯޅައަކުން ހުހަށް އޮތް ގޯލަށް ފޮނުވާލައިގެން މޮރާޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެޒިއާއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ ޓޮމާސޯ ޕޮބެގާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ 32 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަށްފަހު ޔުވެންޓަސްގެ ހަމަލާތަށް ވަރުގަދަ ކުރިއެވެ.

ޔުވެންޓަސްއިން ދެވަނަ ހާފުގައި އެޓޭކް އިތުރަށް ވަރުގަދަކުރުމަށް އެކްލަބުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނެރުނެވެ. 56 ވަނަ މިނަޓްގައި ރޮނާލްޑޯ ކުޅެން ނުކުތީ ޑިބާލާގެ ބަދަލުގައެވެ. އަދި އޭގެ ތިން މިނަޓްފަހުން ސްޕެޒިއާގެ ކީޕަރު ޕްރޮވެޑެލް ކައިރިން ބޯޅަ ނައްޓާލުމަށްފަހު ހުހަށްއޮތް ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅައާއެކު ކާމިޔާބުކުރި ލަނޑުން ޔުވެންޓަސްއަށް ދެވަނަ ފަހަރަށް ރޮނާލްޑޯ ލީޑު ނަގައިދިނެވެ.

މެޗުގެ 67 ވަނަ މިނަޓްގައި އެޑްރިއެން ރެބިއޮޓް ޔުވެންޓަސްގެ ލީޑު އިތުރަށް ފުޅާކުރިއިރު، ރޮނާލްޑޯ ޔުވެންޓަސްއަށް މެޗު ޔަޤީންކޮށްދިނީ 76 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިން ޕެނަލްޓީއިންނެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އޮކްޓޯބަރ 13 ގައެވެ. އޭރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓަސްކުޅެން ހަމަޖެހިފައިވާ އޮތް މެޗު އޮތީ ބޯމަތިވެފައެވެ. އަދި އެމެޗުގައި ރޮނާލްޑޯއަށް ކުޅެވޭތޯ ޔުވެންޓަސްއިން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ފަހުން ކުރި ތިން ޓެސްޓްވެސް ޕޮޒިޓިވްވެ ރޮނާލްޑޯއަށް އެމެޗުގައި ކުޅެވޭގޮތް ނުވިއެވެ.

ރޮނާލްޑޯއަށް ކުޅުމުގެ ފުރުޞަތު ދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކޮވިޑް-19 ޖެހިގެން ރޮނާލްޑޯއަށް ޔުވެންޓަސްގެ ހަތަރު މެޗެއްވަނީ ގެއްލިފައެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސްވަނީ ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. ހަ މެޗުން ޔުވެންޓަސްއަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޭސީ މިލާން އޮތީ 16 ޕޮއިންޓާއެކުގައެވެ. އަދި ދެވަނާގައި އޮތް ސަސޫލޯއަށް ލިބިފައިވަނީ ހަމެޗުން 14 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ