14 އަހަރަށްފަހު ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އާސެނަލް އަތްދަށުވެއްޖެ

14 އަހަރަށްފަހު އާސެނަލްއިން އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާރ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އާސެނަލްއިން މެންޗެސްޓާރ ޔުނައިޓެޑް ބަލިކޮށްފައިވަނީ އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައެވެ. އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލްއިން ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މިއީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އޭރިއާ ތެރެއިން އާސެނަލްގެ ހެކްޓަ ބެލެރިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިތުރު ލަނޑު ޖަހާނެ ފުރުޞަތުތައް ދެޓީމަށްވެސް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޔުނައިޓޭދުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ފޮނުވާލި ހަމަލާއާއި، އާސެެނަލްގެ ބުކާޔޯ ސަކާ ބޮލުން ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

ރޭގެ މޮޅަކީ 2006 ގެ ސެޕްޓެމްބަރުގެ ފަހުން ޔުނައިޓެޑުގެ ދަނޑުގައި އާސެނަލްއަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި ލީގުގެ ގަދަ ހައެއްގެ ޓީމެއް އަތުން މިދިޔަ ފަސް އަހަރު ތެރޭ ލީގުގައި އާސެނަލުން ހޯދި ފުރަތަމަ މޮޅު ވެސް މެއެވެ.

ރޭގެ މޮޅާއެކު އާސެނަލްއިންވަނީ ތާވަލްގެ 9 ވަނައަށް ޖެހިލާފައެވެ.

މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ހަތަރު މެޗުންވެސް އެ ޓީމަށް މޮޅެއް ހޯދިފައެއެއް ނުވެއެވެ. އެންމެ ފަހުން ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މޮޅެއް ނުލިބި ލީގުގެ ފުރަތަމަ ހަތަރު މެޗު ފުރިހަމަކުރަން ޖެހުނީ 1972-1973 ވަނަ ސީޒަނުގައެވެ.

ރޭގެ މެޗަކީ ސޯލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 100 ވަނަ މެޗެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސޯލްޝެއާ ބުނީ، ފުރަތަމަ ހާފު ދަށްކޮށް ދިޔަނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށްފައިވާކަމަށެވެ. އަދި މެޗުގައި މާގިނައިން ޑިފެންސްކުރަން ނުޖެހުނުނަމަވެސް ޑިފެންސްކުރަން ޖެހުނު ވަގުތު ކުޅުންތެރިންގެ ރޯލް ލަސްވުމުގެ ސަބަބުން އާސެނަލްއަށް ޕެނަލްޓީ ލިބުނީކަމަށްވެސް ސޯލްޝެއާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ