ރައީސްގެ އެވައުދު ފުޅާއި އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ބޮޑު ފުޓްބޯޅަ ދަނޑު ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން މިޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މަހުލޫފް ވިދާޅުވީ، އުއްމީދު މިކުރަނީ ބައެއް ރަށްރަށުގެ މަސައްކަތް މިއަހަރުވެސް ނިންމާލެވޭތޯކަމަށެވެ.
"މިހާރު އަޅުގަނޑު އުއްމީދު މިކުރަނީ ބައެއް ރަށްރަށުގެ މަސައްކަތް މިއަހަރުވެސް ނިންމާލެވޭތޯ. ޖުމްލަ 40 ދަނޑުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދޭ." މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ، ޖަޒީރާ ފުޓްބޯލް ޗެންޕިއަންޝިޕްގެ ނަމުގައި އަތޮޅު ތެރޭގައި ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ބޭއްވުމަށް ހުރިހާ ކަމެއް ނިމި، މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ރަށްވެސް ނިންމާފައި އޮއްވާ މުބާރާތް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނީ ކޮވިޑްއާއި ގުޅިގެންކަމަށެވެ.
"ހޯމް އެންޑް އަވޭ ނުކުޅެވުނަސް، އަތޮޅު ފެންވަރުގައި އެއްރަށެެއްގައި ނަމަވެސް މިއަންނަ އަހަރުގައި މުބާރާތް ފެށޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." މަހުލޫފް ވިދާޅުވިއެވެ.
އަހާށޭ ބުނާން މި ޕްރޮގްރާމްގައި ވާހަކަދައްކަމުން މިނިސްޓަރ އަހުމަދު މަހުލޫފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ވައުދުފުޅުތަކުގެ ތެެރޭގައި ރާއްޖޭގެ ދަނޑުތަށް ފުރާލުމަކީ ވަރަށް މުހިންމު ވައުދުފުޅެއްކަމަށާއި އަދި ދަނޑުތައް ފުރާލުމާއި ބެހޭގޮތުން މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ފުޓްބޯޅައިގެ ފޯރި އަދިވެސް އަތޮޅު ތެރޭގައި އެބައޮތްކަމަށާއި އަތޮޅު ތެރޭގެ ދަނޑުތަށް ފުރާލާނެކަމަށެވެ.




